English Edition
Dhivehi Edition

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިރޭ ޕެނަލް ޑިސްކަޝަން އެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ ޕެނަލް ޑިސްކަޝަން އޮންނާނީ މިރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ކަމަށެވެ. އެ ޕެނަލް ޑިސްކަޝަންގައި ރާއްޖެ އިސްލާމް ވުމާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހުށަހަޅާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

މި މަޝްވަރާގެ ބައްދަލުވުމުގައި އިލްމުވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒާހިރު ޢަލީއާއި، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއި، ޑރ.ސައުދުﷲ ޢަލީއާއި، ޑރ. ޢަބްދުﷲ ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ހަތަރު މައުޟޫއަކަށް ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އިސްލާމް ދީނުގައި ދެމި ތިބުމުގެ މުހިއްމުކަމާއި، އިސްލާމް ދީނާއި ދިވެހި ތާރީޚް އަދި ފިކުރީ ގޮތުން އަންނަ ގޮން ޖެހުންތަކުގެ އިތުރުން އިސްލާމް ދީނާއި ސަރުކާރުގެ ސިޔާސަތާއި ގުޅޭގޮތުންނެވެ.

މި ޕެނަލް ޑިސްކަޝަންގައި އެ މަޢުޟޫތަކަށް ވާހަކަދައްކާއިރު، އާންމުންގެ ތެރެއިން ސުވާލެއް ހުށަހަޅަން ބޭނުން ފަރާތްތަކަށް އެ ސުވާލަކަށް ޖަވާބު ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ.