English Edition
Dhivehi Edition

އިސްލާމް ދީނުގެ އުސޫލުތައް ޤަބޫލުނުކޮށް، މި ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ، މި ފަސްގަނޑުގައި ޖާގަ ދެވިގެންވާނެ ކަންކަމެއް ނޫންކަމަށް ނައިބުރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބޭތީ، ޢަޤީދާ އާއި ދީނަށް، އިހާނެތިކޮށް ހިތައި ފުރައްސާރަކުރުމަކީ، ތަހުޒީބު މުޖްތަމަޢުތައްވެސް ޤަބޫލުކުރާ ހަމައެއް ނޫންކަމަށާ އަދި އެއީ ހުއްދަ ކުރެވޭނެ ކަންކަމެއްވެސް ނޫންކަމަށެއެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުން ވިޔަސް، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި އިހާނެތިކޮށްހިތުން ހުއްދަކުރާ، ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނެއް، މުޢާހަދާއެއް ފެންނަން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިކަންކަމާ ދެކޮޅަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުންކަމަށެވެ. އެގޮތުން އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމާއި އެންމެހައި އުޅުންތަކާއި ގުޅުންތައް، އިސްލާމް ދީނުގެ އިމުގެ ތެރޭގައި ބައްޓަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުން، އަދި ތަޢުލީމީ މުއައްސަސާތަކުން ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އާކުރާ އިރު، އިސްލާމް ދީން އިންސާނިއްޔަތަށް ގެނެސްދިން އެންމެ ބޮޑު ބަދަލުތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެ ބަދަލަކީ، ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރުމާއެކު އެކަކު އަނެކަކުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެންމެންގެ މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އިސްލާމް ދީނުގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށާއި އެކަމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާ މީހުންނާ މެދުގައިވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

اللهُ سُبْحَانَهُ وَتَعَالَى މިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެކަލާނގެ ލެއްވުން އެއީ، ދިވެހިންނަށް ވަކިން ޚާއްޞަ އުފަލެއް ލިބިގެންދާ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައިވަނީ ފާހަގަ ކުރައްވާފައެވެ.