ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނާއިބުރައީސް މިހެން ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
“ފުވައްމުލަކު ސިޓީގައި ކުރިން އޮތް ނަރުދަމާ ނިޒާމާ އަދި އިންޖީނުގޭގެ ހުރި ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވަމުންދިޔަކަން ފާހަގަކުރެވޭ. އެހެންނަމަވެސް މިއަދު ޢަމަލީ މަސައްކަތްފެށި މި ދެ މަޝްރޫޢާއެކު މި ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ވެސް ގަބޫލު ކުރެވޭ” ނައިބް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބްރައީސް ފައިސަލް ވަނީ ފުވައްމުލަކުގައި މި ސަރުކާރުން ކުރިޔަށްގެންދަވާ އެކިއެކި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން އަލަށް ފެށި ދެ މަޝްރޫޢުތަކުގެ ސަބަބުން ފުވައްމުލަކު ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ފުވައްމުލަކަށް މާ ބޮޑެތި އަޅާލުންތަކެއް ލިބިފައިނެތްނަމަވެސް މި ސަރުކާރު ވުޖޫދުވެގެން އައިފަހުން ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކުގެ ތަރައްޤީއަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވަވާ ކަމަށް ނަިއބުރައީސް ވިދާޅުވިއެވެ.
“ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މި ސިޓީގައި މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ” ނައިބު ރައީސް ވިދާޅުވިއެވެ.