English Edition
Dhivehi Edition

ޤައުމުގެ މުސްތަޤްބަލް ބިނާވެފައި ވަނީ، މިއަދު ބިނާކުރެވޭ ލީޑަރުންގެ ހުނަރާއި ޤާބިލުކަމުގެ މައްޗަށް ކަމުގައި މި ސަރުކާރުން ވަރަށް ބޮޑަށް ޤަބޫލުކުރައްވާ ކަމަށާއި، އެފަދަ ލީޑަރުން އުފެއްދުމަށް މިސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންދާކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭއެޗް..އާރް.ޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި، ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރުން އިންސާނީ ވަޞީލަތާއި، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގައި ޒުވާނުންގެ ކުރިއެރުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. މިގޮތުން، މުސްތަޤުބަލުގައި ޤައުމު ހިންގުމާއި ހަވާލުވެ ތިބޭނެ ލީޑަރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތްތެރިކަމުގެ ހުނަރުތަކާއި ފަންނީ ހުނަރުތައް އިތުރުކޮށް، މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދެއްވަމުން އަންނަކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ކޮންމެ މެމްބަރެއްގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ހުރިހާ ފަރާތްތަކަކަށް، ޚާއްސަކޮށް އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ ކަމުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ. މިގޮތުން އަންހެނުން ކުރިއަރުވައި ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2023ގެ ބައިވެރިންނާއި މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސްގައި ދަސްވި ކަންކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށާއި، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުންމަތީގައި ދެމިތިބެ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނޭޝަނަލް އެޗްއާރް ކޮންފަރެންސް އެންޑް އެކްސްޕޯ 2023 ގައި ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރުންނާއި، ކުރިއަރަމުން އަންނަ ލީޑަރުންނާއި، އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުގައި އިސްކޮށް މަސައްކަތްކުރައްވަމުންގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގައި ތަޤުރީރު ކުރެއްވި ފަރާތްތަކަށާއި ކޮންފަރެންސްކުރިޔަށް ގެންދިޔުމުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.