އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓޫރިޒަމް ޒޯންތަކުން ދޫކުރާ ބިންތަކަށް އެދި ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެ ފުރުސަތު ހުޅުވާލީ މި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ.
ޓޫރިޒަމް ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ވަރަށް ގިނައިންވެސްޓަރުންނާއި ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ކައުންސިލުން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި މި ބިންތަކަށް ކުރިމަތިލާ ފަރާތްތަކަށް ބިޑް ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެގޮތުން ހިތަދޫގެ ޓޫރިޒަމް ބިންތަކުގެ ބީލަން ހުޅުވާނީ ޖެނުއަރީ 26 ގައި ކަމަށްވާއިރު، ފޭދޫ އާއި މަރަދޫގެ ބިންތަކަށް ޖެނުއަރީ 27 ގައި އަދި ހިތަދޫގެ ބިންތަކަށް ބީލަން ހުޅުވާނީ ޖެނުއަރީ 28 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މީދޫ ރައްޔިތުންގެ އެދުމުގެ މަތިން، މީދޫގެ މުލިމަތި ޓޫރިޒަމް ޒޯނުން ބިން ދޫނުކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ސަރަޙައްދުން ބިން ގަތުމަށް އެދި ބިޑް ހުށަހެޅި ފަރާތްތަކަށް ރީފަންޑް ދެވޭނެ ކަމަށެވެ.
މި ފަހަރު ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫއިން 30 ބިން، ފޭދޫ އިން 24 ބިން، މަރަދޫ އިން 01 ބިން އަދި ހުޅުދޫ އިން 25 ބިމެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000 ރުފިޔާ އަދި ބޭރު މީހެއް ނަމަ 300 އެމެރިކާ ޑޮލަރަށެވެ.
އައްޑޫ ސިޓީގެ ޓޫރިޒަމް ޕްލޭންގައި ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން،މަރަދޫ ، މަރަދޫފޭދޫ ކަޅިބިތް އިންޓިގްރޭޓެޑް ޓުރިޒަމް ޒޯން އެންޑް ބީޗް،ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އެންޑް ޓުއަރިޒަމް ބީޗް އަދި ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން، މާފިށި އެކޯ ޓޫރިޒަމް ޒޯން، މާފިށި ޓޫރިސްޓް ބީޗްގެ އިތުރުން މީދޫ ހިކަހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ވިލެޖް އަދި މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންއެވެ.
އައްޑޫގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަން ބިން ދޫކުރަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިންވެސް ވަނީ 2018 ވަނަ އަހަރު އިއުލާންކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ ކުންފުނިންވަނީ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރަން ކުރި އިއުލާން ބާތިލްކޮށްފައެވެ.