ސަލާމަތް ބުއްދިހުރި އެއްވެސް ދިވެއްސަކު ގުނބޯހެދިގެން، ޖަހާހާ ބެރަކަށް ނަށަން ނުތިބޭނެކަމަށް ޖުމްހޫރީ ޕާރޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާރޓީގެ ޤައުމީ ވިންދު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިސްލާމީ ހިދާޔަތު ކުރީން އޮތެކޭ ކިޔައިފައި ޣައިރުދީނަށް ދިވެހިރާއްޖެ ގެންދަން ސަލާމަތް ބުއްދިހުރި އެއްވެސް ދިވެއްސަކު ގުނބޯހެދިގެން ނުތިބޭނެކަމަށެވެ.
ޣައިރު ދީންތަކުގެ ވިސްނުމާއި ފިކުރުތަކުގެ ތެރެއިން ﷲއަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފުރައްސާރަކޮށް އިސްލާމް ދީނަށް ހަޖޫ ޖަހައި ރިޕޯރޓު ނެރުނު މީހުން ކުށްވެރިކުރުމުގައި ބައެއް ލީޑަރުން ފަހަތު ފައިންޕުޅަށް ބުރަވެ ވަޑައިގެންފައިވާ ކަމުގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅާ ދިމާކޮށް ގާސިމް ވިދާޅުވީ ރާއްޖޭގެ ޢިލްމުވެރީންގެ ހެޔޮ ނަޞޭޙަތާއި އާޚިރަތުގެ ބާއްޖަވެރިކަން ނަގައިލާނެ ދިވެއްސަކު މި ދިވެހި އުއްމަތުގައި ނުހުންނާނެ ކަމަށެވެ.
އިސްލާމް ދީނަށް އިހާނެތިބަސްބުނެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަލައްމައަށް މަލާމާތްކޮށް ޖެއްސުންކޮށް ޖޯކުޖަހައި މިކަހަލަ ކަންތައްތަކަކީ އިންޓަރނޭޝަަނަލީ، ބައިނަލްއަޤުވާމީގޮތުންވެސް ނުކުރެވޭނެކަމެއްކަން ޔޫރަޕުގެ ކޯޓުތަކުންވެސް މިވަނީ ނިންމާފައި ކަމަށާއި އެހެން އެކަން އޮއްވައި އެފަދަ ކަންތައްތައް ކޮށްގެން ﷲގެ އެއްކައުވަންތަކަމަށް ޝަރީކުރެވޭ ދަރަޖައަށް ވާހަކަތައް ދައްކައިގެން ކޮންމެ ރެއަކު ކޮންމެ ދުވާލަކު މި މަންޒަރު މި ތަމްސީލުކުޅެން އުޅުނަކަސް އެކަމެއް ނުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
“ދިވެހީންނަކީ ކެތްތެރިބައެއް. ވަކި ހިސާބަކަށް ދަންދެން ދިވެހީން ކެތްތެރިކަމާއި އެކުގަ ތިބޭނެ. ވަކި ހިސާބަކުން ދެން ކަންތައްތައްވާގޮތްވެސް އަޅުގަނޑުމެންގެ މާޒީގަވަނީ، މާޒީގެ ޞަފްޙާތައް ބައްލަވާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންވާނެ ވިދާޅުވާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.” ޖަލްސާގައި ވާހަަކަދައްކަވަމުން ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް އޮތް ލޯބި ސްކޫލް ތަކާއި މިސްކިތްތަކަށް ބަލައިލިއަސް ފެންނަން އެބަ އޮތް ކަމަށެވެ. އަދި ދާދި ފަހުން މިދާކަށްދު ވަހު މުޤުރީއަކަށް ނުވަތަ ޙާފިޟާއަކަށްވެގެން ދިޔަ 6 އަހަރުގެ ތުއްތު ކުއްޖާގެ ކިބައިންވެސް ފެނިގެން ގޮސްފައި އެވަނީ އިސްލާމްދީނަށާ ކީރިތި ޤުރުއާނަށް އޮތް ލޯބީގެ ބޮޑުކަން ކަމުގައި ގާސިމް ވިދާޅުވިއެވެ.
” ޖުމްހޫރީ ޕާރޓީން މަސައްކަތްކުރާނީ އިސްލާމް ދީނާ ދިވެހި ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލް ދަމަހައްޓައި ނެގެހެއްޓުމަށް . އަދި ދިވެހި ރާއްޖޭގެ މުސްތަޤިއްލުވެރިކަން ދަމަހައްޓައި ނެގެހެއްޓުމަށް . އަދި އެއީ ވަކި މީހަކު ވެރިކަމުގައި ހުރުމުން ކުރާ ކަމެއް ނޫން. ދިވެހިރާއްޖޭގެ ވެރިއަކަށް ހުންނަވާ ކޮންމެ ބޭފުޅަކުވެސް އިސްލާމީ ޙަޟާރަތު ދަމައްހަޓަވާހާ ހިނދަކު ވާގިވެރިވާނަން” ގާސިމް ވިދާޅުވިއެވެ.