English Edition
Dhivehi Edition

ނަކަލުކޮށްފައިވާ (ކައުންޓަރފިޓް) ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ބިދޭސީ އަންހެނަކު ކަމަށެވެ.

އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާއިރު، އެ ޓްވީޓާއެކު އޭނާގެ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މިމަހުގެ 20 ވަނަ ދުވަހުވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު 44 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުވެސް ވަގު ޕާސްޕޯޓެއްގައި ވީއައިއޭ އިން ރާއްޖެ އެތެރުވުމަށް މަސައްކަތް ކުރި ބިދޭސީ އަންހެނަކާއި، އެކަމުގައި އޭނާއަށް އެހީތެރިވާން އުޅުނު އިތުރު ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.

މީގެ އިތުރުން، އެހެން މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެ މީހަކު ސެޕްޓެމްބަރު މަހު ވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓައިފަ އެވެ. އަދި ވަގު ވާރކް ވިސާތަކެއް އެތެރެކުރަން އުޅުނު މީހަކުވެސް މިދިޔަ މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.