English Edition
Dhivehi Edition
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އުތައިމީންއާ ފޮރިން މިނިސްޓަރ ޝާހިދު ބައްދަލުކުރައްވަނީ - ފޮޓޯ: އޯއައިސީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސްޓެޓިއުޓް ފޮރ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިއްޔެ ސޮއިކުރައްވައިފި އެވެ.

ޚާރިޖީ ވަޒީރު ޝާހިދު ސަޢޫދީޢަރަބިއްޔާއަށް ވަޑައިގެންފައި ވަނީ އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުފުޅުގައި ޝާހިދު އޯއައިސީގެ އަންހެނުންގެ ޖަމިއްޔާގައި ސޮއިކުރެއްވީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އުތައިމީންއާ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ އެޖަމާޢަތުގެ މައި އިދާރާގައި އިއްޔެ ބައްދަލުކުރައްވެފުމަށްފަހު އެވެ.

އެ ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯއައިސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ އޯއައިސީގެ މެމްބަރު ޤައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯއައިސީގެ ދަށުން ހިންގާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގެ އުޞޫލުތަކާއި މަޤްޞަދުތަކަށް ރިޢާޔަތްކޮށް، ޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އޯއައިސީ އަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަޤްވާމީ އެއް ޖަމްޢިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯއައިސީ ކައުންސިލް އޮފް މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު، މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަތެވެ.
އ.ދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްއިއްޔާއަކީ އޯއައިސީ އެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ މިޖަމްޢިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާޢަތެވެ. އެޖަމްއިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަމަސަލަސްކަން ޤާއިމްކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ) ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރުއެވެ.