English Edition
Dhivehi Edition

ޕޯޓްސް ޑްރައިވަރސް އެސޯސިއޭޝަންގެ ދަށުން މަސައްކަތް ކުރަމުންދާ ޑްރައިވަރުންނަށް ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މަޢުލޫމާތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާކުރައްވައިފި އެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕޯޓްސް ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ވަނީ އެ ޖަމިއްޔާގެ ދަށުން މަސައްކަތްކުރާ ޑްރައިވަރުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައެވެ.

އެ ޖަމްޢިއްޔާގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަކޮށްފައިވާ ވަގުތާއި، މުދާ އުފުލާ އުޅަނދުފަހަރު މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރުމުގެ ހުއްދަކޮށްފައިވާ ވަގުތުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރު ޕާކް ކުރުމުގެ ޤަވާޢިދު އިތުރަށް ހަރުދަނާކުރުމާއި، ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ޑްރައިވަރުންނާއި، ބިދޭސީ ޑްރައިވަރުންގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުރިހާ ޑްރައިވަރުންނާއި، ވިޔަފާރިވެރިން، އަދި ކަމާއިބެހޭ އެހެން ފަރާތްތައްވެސް ޝާމިލްވާގޮތަށް، އެއްވެސް ފަރާތަކަށް ދަތިނުވާނެ ގޮތްތައް ބައްލަވައި، އެ ޖަމްޢިއްޔާގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތައް ޙައްލު ކޮށްދެއްވަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އެ ޖަމްޢިއްޔާއިން އެދުނު ގޮތަށް، ދިވެހި ޑްރައިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.