English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ތަނެއްގައި އެއްވަގުތެއްގައި މިފަހަރު ފެށިގެން ދިޔަ ޚިތާނީ ކޭމްޕް، އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން (އެޗްއާރު އެޗް) ވެސް ފޯރި އާއެކު ފަށައިފިއެވެ.

ހެލްތް މިނިސްޓަރީން މިއަހަރު އަތޮޅުތަކުގައި ކުރިއަށްގެންދާ ޚީތާނީ ކޭމްޕް ރަސްމީކޮށް ފައްޓަވައި ދެއްވެވީ ހދ. ކުޅުދުއްފުށީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ޚިތާނީ ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގެވެ. ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ އިއްޔެ ޚިތާނު ކުރި ކޮންމެ ކުއްޖަކަށް ހަދިޔާއެއްވެސް ދީފައެވެ. ޚިތާނު ކުރި ކުދިންނަށް މި ހަދިޔާ ހަވާލުކޮށް ދެއްވެވީ މޭޔަރ އަބްދުﷲ ޞާދިގެވެ.

އެޗްއާރުއެޗް ގެ މެނޭޖަރ ޝަރަފުއް ސާދާތު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ މިފަހަރުގެ ކޭމްޕްގައި މިހާރުވެސް 150 ކުދިން ރަޖިސްޓަރ ކޮށްފައިވާ ކަމަށާއި ކޭމްޕް ނިމޭއިރު ގާތްގަނޑަކަށް 200 އެއްހައި ކުދިން ބައިވެރިވާނެ ކަމަށެވެ.

“ނޮވެމްބަރ 24 އިން ފެށިގެން ޖެނުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކޭމްޕް ކުރިއަށް ގެންދާނެ. ކޮންމެ ހަފްތާއަކު 4 ދުވަހު ޚިތާނު ކުރުން ކުރިއަށް ދާނީ. މި ކޭމްޕްގައި ބައިވެރިވެ ޚިތާނު ކުރާ ކޮންމެ ކުއްޖަކަށް ކުޑަކުޑަ ހަދިޔާއެއް ދޭގޮތަށް ހަމަޖައްސާފައި އޮތީ” ސާދާތު ވިދާޅުވިއެވެ.

ޚިތާނީ ކޭމްޕްގައި ޚިތާނުކުރާ ކުދިން ބައިތިއްބާފައި ތިބޭ ވޯޑު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.

“މިއީ މީގެ ކުރިން މިތަނުގައި ކުރާ ކަންތައްތަކެއް ނޫން. މިފަހަރު ޚިތާނީ މޫސުން ވަރަށް ފުރިހަމަ. ތަނުގެ މެނޭޖްމަންޓް ބަދަލު ވުމުން އަންނަ ހެޔޮ ބަދަލެއް ކަަމަށް ގަބޫލު ކުރެވެނީ” ޚިތާނު ކޮށްގެން އޮތް ކުއްޖެއްގެ ބެލެނިވެރިއަކު ކިޔައިދިނެވެ.

ޚިތާނީ ކޭމްޕް އިއްޔެ ރަސްމީކޮށް ފެށުނު އިރު އެދުވަސް ދިމާވަނީ އެޗްއާރުއެޗްގެ 35 ވަނަ އަހަރީ ދުވަހާ އެވެ. އަހަރީ ދުވަހާ ގުޅުވައިގެން ހޮސްޕިޓަލުގައި ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.