English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަނގްލްދޭޝް މީހާ މާލެ ފޮނުވަން ޑޮކްޓަރުން ލަފާ ދެއްވައިފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ފޭދޫ ބޮޑުމަގުން ދުއްވާފައި ދިޔަ، ދެ ސައިކަލް ޖެހިގެން ރޭގައި ހިނގި މި އެކްސިޑެންޓުގައި ބަންގްލަދޭޝް މީހާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެމީހާ މާލެ ފޮނުވަން ނިންމީ ބޮލަށް ގެއްލުންވެފައިވާތީ ކަމަށެވެ.

“ބޮލަށް ގެއްލުންވުމުން ސިކުނޑިއަށް ކަމެއްވެފައި ހުރެދާނެ ކަމަށްވެސް ޑޮކްޓަރު އެބަ ވިދާޅުވޭ. އެހެންވެ އެކަން ޔަގީން ކުރެވޭނީ ސިޓީ ސްކޭނެއް ހަދައިގެން. ސިޓީ ސްކޭނެއް މިހެދެނީ މާލޭ ފޮނުވައިގެން،” ނަޖީބު ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް މީހަކަށާއި 2 ދިވެހިންނަށެވެ. އޭގެ ތެރެއިން ދެ ދިވެހިންނަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ. ދިވެހި ދެމީހުންނަށްވެސް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އޭގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން އޭނާ ދޫކޮށްލީ ފަޅައިގެންދިޔަތަން ފަހައި ބޭސްއެޅުމަށްފަހުގައި ކަމަށް އެޗްއާރުއެޗް އިން ވަނީ ބުނެފައެވެ.

ބިދޭސި މީހާ މާލެ ފޮނުވުމުގެ ކަންކަން އޭނާ މަސައްކަތްކުރާ ކުންފުނިން ކުރަމުން ދާއިރު މިއަދުގެ ވަގުތެއްގައި އެމީހާ ފުރުވައިލެވޭނެ ކަމަށް އެޗްއާރުއެޗް އިން ވަނީ ބުނެފައެވެ.