English Edition
Dhivehi Edition
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައި ގާއިމު ކޮށްފައިވާ ފްލޫ ކުލިނިކް

އައްޑޫސިޓީގައި މީގެ ކުރިން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ( އެޗްއާރު އެޗް) ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެއެވެ.

20 އެނދުގެ އައިސީޔޫއަކާއި އެކު ތައްޔާރުކުރަމުން އަންނަ މި ހޮސްޕިޓަލްގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ވަނީ އައިސްފައެވެ

އެޗްއާރުއެޗްގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގަމުގައި ހުންނަ ދޫގަސް ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ސާދާތު ވިދާޅުވިއެވެ. މީގެ އިތުރު އޭނާ ވިދާޅުވީ ކަރަންޓީން ފެސިލިޓީސް ގެ ގޮތުގައި އިތުރު ތަންތަން ވެސް ތައްޔާރުވަމުން އަންނަ ކަމަށާއި އައްޑޫގައި އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ބޭނުންކުރާނެ ތަންތަން ހަމަޖެހިފައިވާނެ ކަމަށެވެ.

“މިވަގުތު ކަރަންޓީން ފެސިލިޓީ އެއްގައި އެއްވެސް މީހަކު ނެތް. އައްޑޫން މިހާތަނަށް ނެގި ހުރިހާ ސާމްޕަލް ތަކެއްގެ ނަތީޖާ ވެސް ވަނީ ލިބިފައި . ހުރިހާ ނަތީޖާތަކެއްވެސް ނެގެޓިވް. މިވަގުތު ނަތީޖާ ނުލިބޭ އިތުރު ސާމްޕަލް އެއްނެތް” ސާދާތު ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އެޗްއާރުއެޗްގައި ފުލޫކުލިނިކެއް ހުޅުވާ އެތަނުން ޚިދުމަތް ދެމުން އަންނައިރު އެޗްއާރުއެޗް އިން މީގެ ކުރިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތެއް މިހާރު ދެމުން އަންނަނީ ހިތަދޫ ގައި އަލަށް ހަދާފައިވާ އައްޑޫއިކުއަޓޯރިއަލް ހޮސްޕިޓަލްގައެވެ.