ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީކޮށްދީފި އެވެ.
އެމްއާރުއެމްގެ ރަސްމީ ޓްވިޓާ ހޭންޑަލްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އީސީ އިން އެ ޕާޓީ ރަޖިސްޓްރީ ކޮށްދީފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި، ޕާޓީގެ ރަޖިސްޓްރީ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
Maldives Reform Movement (MRM) Siyaasee party ehge gothugai @ElectionsMv in 20 November 2019 vana dhuvahu registry kohdhevva miadhu registry havaalu kuravvaifi. pic.twitter.com/F1aRHriOYa
— Maldives Reform Movement (MRM) ?? (@MRM_Office) November 25, 2019
އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ. އަދި އެ ލިޔުން ޔުމްނާ އާއި ހަވާލުކޮށްދެއްވީ އީސީގެ ރައީސް އަހްމަދު ޝަރީފް އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރެވެ.