އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައާއި، ށ. މާއުނގޫދޫ އަށް ބަޔަކު އަރައި، ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ (އައިސިސް)ގެ ލޯގޯ އެރަށުގެ އެކި ތަންތަނުގައި ކުރެހުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އެވެ. އަދި މި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަހީމް ވިދާލުވީ ރާއްޖޭގައި އުޅެނީ ހުސް މުސްލިމުން ކަމަށާއި، އެހެން ދީނަކަށް އަޅުކަންކުރާ ތަންތަނެއް ރާއްޖޭގައި ނުހުންނަ ކަމަށާއި އަދި ޤާނޫނު އަސާސީގައި ވެސް އޮންނަނީ ހަމައެކަނި އިސްލާމް ދީނުގެ ވާހަކަ ކަމަށެވެ. އެހެންކަމުން ކަން އެހެން އޮތްއިރު،އިސްލާމް ދީނަށް ވައްދަން ކަމަށް ބުނެ ދައުވަތު ދެނީ ކޮންކަމެއް ހާސިލްކުރަންތޯ ޝަހީމް ވަނީ ސުވާލުކުރައްވައިފަ އެވެ.
ޝަހީމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ކުޑަކުދިންނަކީ ސިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަށް ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި އެކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބައެއް ކަމަށްވީ ނަމަވެސް، ކުޑަކުދިންގެ ނާޖާއިޒް މަންފާ ނަގާ އެކުދިންނާ ޖިންސީގޮތުން ގުޅުން އުފައްދާ ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެތުރިފައިވާ ކަމަށެވެ.
އަދި 13 އަހަރުގެ ކުޑަކުއްޖާ ބައެއްގެ ޖިންސީ ޝިކާރައަކަށްވެފައިވާ ކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުނުތާ އަހަރެއްވުމާ ގާތްވެފައިވާއިރު ވެސް، އެކުއްޖާ އަދިވެސް ދިރިއުޅެމުންދަނީ އެ ނުރައްކަލަށް އެކުއްޖާ ހުށަހެޅުނު ފަރާތްތަކާ އެކުގައިކަންވެސް ޝަހީމް ވަނީ ފާހަގަކުރައްވައިފަ އެވެ.
މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުނުއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒަޚަމްކޮށްލުމަށްފަހު މޫދަށް އެއްލާލި އިސްމާއިލް ހައްމާދު، ފެހިއަލި/ރ. މަޑުއްވަރީ އަކީ ޤާނޫނާއި ޚިލާފަށް ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.