އަތޮޅު ކައުންސިލް ރައީސް އާއި ސިޓީ ކައުންސިލްގެ މޭޔަރުންގެ މަޤާމަކީވެސް އިންތިޚާބްކުރާ މަޤާމަކަށް ހެދުމަށް ކަނޑައަޅާ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދައިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ހުށަހެޅި އަށްޑިހަ އިސްލާހު ކޮމިޓީން ފާސްކޮށް ބިލް ތަޅުމަށް ފޮނުވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު އިސްލާހުތައް ފާސްކޮށް ކޮމިޓީ މަރުޙަލާ ނިންމައި ތަޅުމަށް ފޮނުވުމަށް ކޮމިޓީއިންވަނީ ފާސްކޮށްފައެވެ.ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންގެ ޢަދަދު ފަނަރައިން، ނަވާރަ މެމްބަރުންނަށް އިތުރުކުރުމަށްވަނީ ނިންމާފައެވެ.
ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލަރުންގެ ޢަދަދު އިތުރުކުރުމަށް ހުށަހަޅާފައިވީނަމަވެސް މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލް ފިޔަވައި އެހެން އެއްވެސް ދާއިރާއެއްގެ ކައުންސިލަރުންގެ ޢަދަދު އިތުރުކުރުމަށް ނިންމާފައެއް ނުވެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހްތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ސަރުކާރުގެ ވިސްނުންވެސް ހުރީ ކައުންސިލަރުންގެ ޢަދަދު އިތުރުނުކޮށް ކައުންސިލަރުންނަށްދޭ މުސާރަ ބޮޑުކުރުމަށްކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި80 އިސްލާހުގެ ތެރެއިން 58 އިސްލާޙު ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ.