English Edition
Dhivehi Edition
އޭޖީ ރިފްއަތު މަޖިލީހުގެ ފްލޯގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން. -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ފުށުއަރާ އެހެން 6 ގާނޫނަކަށް އިސްލާހު ގެންނަން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ކަމަށް ފާހަގަވެ، އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވި ބިލުތަކަކީ؛

– ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނު

– ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު

– ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު

– ރާއްޖޭގެ ބިމާބެހޭ ގާނޫނު

– ދައުލަތުގެ މާލިއްޔަތުގެ ގާނޫނު

– އެއްގަމު ދަތުރުފަތުރުގެ ގާނޫނު

ކައުންސިލްތައް ބަލަހައްޓާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މިދިޔަ ހަފުތާގައި މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބައިވަރު ބާރުތަކެއް ދީފައިވާއިރު، މާލިއްޔަތު ގާނޫނާއި ޓޫރިޒަމް ގާނޫނު ނުވަތަ ބިމުގެ ގާނޫނުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަވި ކަމަށެވެ. އަމަލީގޮތުން މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވާތީ އެ ޝަކުވާތައް ނުވަތަ ލަފާ ހޯދަން ކައުންސިލްތަކުން ގުޅާކަމަށެވެ.

ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް އެ ގާނޫނަށް ގެނައި ނުވަވަނަ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.