ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީ ގޮތުންނާއި، މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމައްޓަކައި ބާއްވާ މަހާސިންތާ މިއަދު ފަށައިފިއެވެ. އައްޑޫސިޓީ އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި ބާއްވާ މި ދަރުބާރުގައި، އަތޮޅުކައުންސިލް ރައީސުންނާއި މޭޔަރުންނާއި، އައްޑޫސިޓީކައުންސިލް އިދާރާގެ ކަމާގުޅޭ މުވައްޒަފުންނާއި ، ޑަބްލިއުޑީސީ މެންބަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެލްޖީ އޭ ބޯޑު މެންބަރުންނާއި މުވައްޒަފުންގެ އިތުރުން އެކިއެކި މުވައްސަސާތަކުގެ އިސްވެރިން ހިމެނޭހެން ޖުމްލަ 73 ފަރާތަކުން ބައިވެރިވެއެވެ.
. އެލްޖީއޭއިން އިންތިޒާމުކޮށްގެން، ޔޫއެސްއެއިޑް އާއި އައިއާރްއައި ގުޅިގެން ބާއްވާ މި ދަރުބާރު މިއަދު ހެނދުނު ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރެވެ. މަހާސިންތާ ފައްޓަވައި ދެއްވަމުން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ވަސީލަތްތައް މަދުވުމަކީ އޮތް ގޮންޖެހުމެއް ކަމަށްވީ ނަމަވެސް ބައެއް ކައުންސިލްތަކުން ކުންފުނިތައް އުފައްދާ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރާކަން އުފަލާއެކު ފާހަގަ ކުރައްވާކަމަށެވެ. އަދި އަބަދު މައި ސަރުކާރަށް އަތް ދިއްކޮށްގެން ތިބޭ ތިބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރެވޭނީ ރަށްރަށުން ލިބިދޭ މާލީ ބާރުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާ ކުރުމުން ކަމަށެވެ. އަދި ކަމެއް ބޭނުންވާ ކޮންމެ ފަހަރަކު ސަރުކާރަށް އަތް ދިއްކޮށްގެން ތިބޭ ސަގާފަތެއް އޮވެއްޖެނަމަ، އޭގެ ފުރިހަމަ މާނައިގައި ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
2 ދުވަހުގެ މުއްދަތަށް ބާއްވާ މި ދަރުބާރު ކުރިއަށްދަނީ ދުވަހުގެ ސެޝަންތައް ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ހެނދުނުގެ ދަންފަޅީފައި މަޝްވަރާ ކުރެވުނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ، ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ފޯރުކޮށްދޭ މަސައްކަތްތައް ކައުންސިލްތަކާއި ގުޅިގެން ވިލަރެސްކޮށް ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭގޮތުންންނެވެ މި މައުޟޫޢަށް ހުށަހެޅުނު ކަރުދާހަށް ، ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެކަމުގެ ޙައްލު ހޯދުމުގެ މައްޗަށް ގްރޫޕް މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ގްރޫޕުތަކުން މަޝްވަރާ ކުރެވުނުކަންކަން ހުށަހަޅައިދީފައިވެއެވެ.
މިއަދު މެންދުރުފަހުގެ ދަންފަޅީގައި މަޝްވަރާ ކުރެވުނީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ވަޞީލަތްތައް ކައުންސިލްތަކަށް ހޯދައިދިނުމާއި ، ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމާއި އަދި އިދާރީ ދާއިރާތައް ހިންގުމުގައި ދިމާވާދަތިތައް ޙައްލު ކުރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމެވެ.
މިދަރުބާރު މާދަމާވެސް ކުރިއަށްދާނެ އެވެ. މާދަމާ ގެ ފުރަތަމަ ދަންފަޅީގައި އޮންނާނީ ކައުންސިލްތަކުގެ ޕާފޯމަންސް މިންކުރުމަށް ބޭނުންކުރާ ޕާފޯމެންސް އިންޑެކްސް މުރާޖަޢާކޮށް ފައިނަލްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްއެކަމަށް ގޮތެއް ނިންމުމެވެ.
ދެވަނަ ދުވަހުގެ މެންދުރުފަހުގެ ދަންފަޅީގައި ކުރިއަށްދާނީ ބައިވެރިންގެ ކުރީގެ ދަންފަޅިތަކުގައި ހުށަހެޅި ކަންކަން ފައިނަލްކޮށް އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމާއި ހުށަހެޅުމުގެ މަސައްކަތެވެ. މިއީ ލާމަރުކަޒީ ސިޔާސަތުތައް ވިލަރެސް ކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވޭނެ މަސައްކަތް ދެނެގަތުމުގެ ގޮތުން މިހާތަނަށް ބޭއްވޭ ފަސްވަނަ މަހާސިންތާއެކެވެ.