English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރައްވާފައިވަނީ “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ މިހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 76 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައެޅި، ކައުންސިލްތަކުގައި އަންހެން ބޭފުޅުންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ޚާއްޞަކުރެވި، އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވިގެންދާނެ ހަމަތައް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބޭނުމަކީ މާލީގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުން ކަމަށެވެ. އަދި ރަށްތަކުގެ ގުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާމެދު ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމުގެ އިތުރުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް ކުރުން ކަމަށެވެ

މި ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.