ކުޑަކުދިން ރޭޕްކުރުމަށް އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Kudakudhinge mausoom kamakee e kudhinnnah libigenvaa dheenee adhi dhuniyevee enme mathiveri eh haqqu. E haqqun e mausoom thuththu kujjaa nigulhaigane rape kurumuge evves haqqeh ekakahves noannaane. Ekan justify kuran noolhuvvaa! Evves hujjatheh kudakudhin rape kurumakah noannaane
— Ali Waheed (@ali20waheed) November 25, 2019
އެ ޓްވީޓްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވަނީ ކުޑަކުދިންގެ މައުސޫމް ކަމަކީ އެކުދިންނަށް ލިބިގެންވާ ދީނީ އަދި ދުނިޔެވީ އެންމެ މަތިވެރި އެއް ޙައްޤު ކަމަށާއި، އެ ޙައްޤުން އެ މައުސޫމް ތުއްތު ކުއްޖާ ނިގުޅައިގަނެ ރޭޕްކުރުމުގެ އެއްވެސް ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.
“އެކަން ޖަސްޓިފައި ކުރަން ނޫޅުއްވާ! އެއްވެސް ހުއްޖަތެއް ކުޑަކުދިން ރޭޕް ކުރުމަކަށް ނޯންނާނެ”، އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒަޚަމްކޮށްލުމަށްފަހު މޫދަށް އެއްލާލި އިސްމާއިލް ހައްމާދު، ފެހިއަލި/ރ. މަޑުއްވަރީ އަކީ ޤާނޫނާއި ޚިލާފަށް 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި އެ ކުޑަކުއްޖާ އިނީ ބަލިވެ ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުން އަޑު އުފުލަމުންދާއިރު، އެއީ މައްސަލައެއް ނޫން ކަމަށް ބުނާ ދީނީ ހަރުކަށި ފިކުރުގެ މަދު ބަޔަކުވެސް އެބަތިއްބެވެ.