ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އާ މޭޔަރަކު އައްޑޫސިޓީއަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް އާ މޭޔަރެއް ގެނައުމަކީ ސިޓީގެ ގިނަ ރައްޔިތުން މިވަގުތު ބޭނުންވާ ގޮތް ކަމަށާއި އަދި އާ މޭޔަރެއް އައްޑޫ ސިޓީއަށް ބޭނުންވެގެން ވާހަކަ ދައްކާ ވަރަށްގިނަ ރައްޔިތުން ނިޒާރު އެކަމަށް ވާދަކުރެއްވުމަށް އެދެމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
“ވަރަށް ގިނަ ފަރާތްތަކުން އެކަމަށް އެދެމުން ދާތީ މިހާރު ސީރިއަސްކޮށް އެކަމާ މެދު އެބަ ވިސްނަން. އެއީ ކުރިން އެއްގޮތަކަށް ވެސް ވިސްނުމުގައި ހުރި ކަމެއް ނޫން. އެކަމަކު ގިނަ ބަޔަކު ބޭނުންވާތީ އަދި އެދެމުންވެސް ދާތީ އެކަމާމެދު ވިސްނަމުން މިދަނީ. ރައްޔިތުން އެދޭ ކަމަކަށް ފުރަގަސް ދޭކަށް ބޭނުމެއް ނޫން” ނިޒާރު ވިދާޅުވިއެވެ.
އައްޑޫސިޓީގެ މޭޔަރެއްގެ ގޮތުގައި މިހާރު ހުންނެވި އަބްދުﷲ ޞާދިގު އެ މަގާމުގައި ފުރިހަމަ ކުރައްވަވަމުން އެ ގެންދަވަނީ 3 ވަނަ ދައުރެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ މަގާމަށް ގާބިލް ގިނަ ބޭފުޅުން އައްޑޫގައި ތިއްބެވި އިރު ވަކި ބޭފުޅަކަށް ޚާއްޞަ ގޮނޑިއެއްގެ ގޮތުގައި އެގޮނޑި ހިފަހައްޓާފައި ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އާ މޭޔަރެއް އެމަގާމެއް ގެނައުމަށް ބޭނުންވާ ކަމަށް ސޯޝަލް މީޑިއާގައި ވެސް ބަހުސް ކުރަމުން އަންނަ އިރު ތަފާތު އެކި ބޭފުޅުންގެ ނަންތައް ވެސް އަންނަނީ ހުށަހަޅަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ އެ މަގާމަށް މިވަގުތު އެންމެ ގާބިލް ބޭފުޅަކީ ނިޒާރު ކަމަށް ބުނެ ކެމްޕެއިން ވެސް ކުރަމުންނެވެ.
18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދެކުނުދާއިރާގެ މެމްބަރު ކަން ކުރެއްވެވުމަށް ފަހު 19 ވަނަ މަޖިލިހުގެ ޕްރައިމަރީގައި ވެސް ނިޒާރުވަނީ ވާދަ ކުރައްވަވާފައެވެ. ނަމަވެސް ޕްރައިމަރީގައި ނިޒާރު ބަލިކުރައްވަވައި ގޮނޑި ކާމިޔާބު ކުރައްވަވާފައިވަނީ އެ ދާއިރާއަށް ވާދަ ކުރެއްވެވި އިބްރާޙިމް ނާޒިލް އެވެ.
މަޖިލިސް މެމްބަރެއްގެ ގޮތުގައި ނިޒާރު ފާހަގަކުރެވިފައިވަނީ އައްޑޫސިޓީއަށް ދިމާވެފައިވާ ތަފާތު މައްސަލަތަކާ މެދު ކެނޑި ނޭޅި އަޑުއުފުއްލަވައި އައްޑޫސިޓީއަށް ހައްގުވާ މިންވަރު ހޯއްދެވުމަށް ވަކާލާތު ކުރެއްވެވި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވެވި ، ރައްޔިތުންނާ ގުޅޭ މެމްބަރެއްގެ ގޮތުގައެވެ.