English Edition
Dhivehi Edition

ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޝަމްވީލް ޤާސިމް (ބޮންޑާ)، ސޯސަންގެ / ސ. ހިތަދޫ ވާދަނުކުރަން ނިންމައި، ނަން އަނބުރާ ގެންގޮސްފި އެވެ.

ބޮންޑާ ނަން އަނބުރާ ނަގާފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ހާމަކޮށްފައިވެއެވެ.

ބޮންޑާގެ އިތުރުން 15 ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 6 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ 8 ކެންޑިޑޭޓުންނާ ޖޭޕީގެ ކެންޑިޑޭޓެކެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ވަރަށް ގިނަ ކެނޑިޑޭޓަކު ނަން ނަގާފައިވާކަމަށެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އޭޕްރިލްމަހުގެ 06 ވަނަ ދުވަހަށް ތާވަލުކުރި އިންތިޚާބު ކޯވިޑް-19 އާ ގުޅިގެން ވަނީ ފަސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ވިދާޅުވީ އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން މާރިޗުމަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ޖުމްލަ 2434 މީހުންވަނީ ކުރިމަތިލާފައެވެ. ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭނީ 980 ކައުންސިލަރުންނެވެ. ބޮންޑާގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ޝޫޒާވެސް ވަނީ ނަން އަނބުރާ ނަގާފައެވެ.