ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ މުއައްސަސާތަކުގައި ތިބި ބައެއް މީހުން ވެސް މިއަދު “އަނެއް ފަލްސަފާ” އަށް ލެނބި “އަނދިރި ދައުލަތު”ގެ ފިކުރު ގަބޫލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
މިއަދު ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މީގެ 50 އަހަރު ކުރިން، ކުޑަކުއްޖަކަށް ގޯނާއެއް ކޮށްފި ނަމަ އެކަން ނުބަލައި ސަލާމަތީ ބާރުތަކުން ނުތިބޭނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ސަލާމަތީ ބާރުތަކުން އެކަންކަން ބެލުމުގައި ފަރުވާ ކުޑަ ވެފައި ވަނީ އެ މުއައްސަސާތަކުގައި ތިބި މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން ކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.”އަހާލީމާ ތަހުގީގު ވަރަށް ރަނގަޅަށް ހިނގާ ކަމަށް ބުނާނެ . އެކަމަކު، މަޝްވަރާ ކުރަން ތިބޭ އިރު “ގެރި އޮންނާނީ ވަޅަށް ވެއްޓިފައި”ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަދައްކާފައި މިވަނީ ހަރުކަށި ފިކުރުގެ މީހަކު ތޭރަ އަހަރުގެ ކުޑަކުއްޖަކާ ކޯޓުން ބޭރުން “ކައިވެނިކޮށްގެން” އެ އަންހެންކުއްޖާ ބަނޑުބޮޑުވި ވާހަކައަށް އިޝާރަތްކުރަވަމުންނެވެ. “އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މީގެ 50 އަހަރު ކުރީން ކުޑަކުއްޖަކަށް އަނިޔާއެއް ކުރީމާ އަވަށު ސަރުދާރެއް ވެސް ބަނޑޭރިގޭ މީހަކު ވެސް މާބަނޑޭރިއަކު ވެސް ގޭގައި ނިދަން އޮންނާނެ ކަމަކަށް ލަފައެއް ނުކުރެވޭ . އެކަން ނުހޯދާ އެކަން ނުބަލައި އެކަން ނުހުއްޓުވައި،” ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ކުޑަކުދިންނާ ކައިވެނި ކުރުން ފަދަ ކަންތައްތައް ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި އެކަން ނުހުއްޓުވިގެން އުޅެނީ މިހާރު ރާއްޖޭގައި ފެތުރިފައިވާ ފަލްސަފާއެއްގެ ސަބަބުން ކަމަށެވެ. “ދިވެހީންނަކީ އެހެން ބައެއްގެ ގޮތުގައި، ދިވެހިން އުޅެން ޖެހޭ ގޮތް ބަދަލު ކުރަން ބަޔަކު ނުކުމެއްޖެ. މިއީ ފިކުރީ ހަނގުރާމައެއް. މިއީ ގާނޫނެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ވާނެ ކަމެއް ނޫން،”ނަޝީދު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލު ކުރަން “އެހެން ރާސްތާއެއް” ހޯއްދަވާނެކަމަށް ވިދާޅުވެ ނަޝީދު ވަނީ ހަރާބުގެ މަގު ހިޔާރުކޮށްފި ނަމަ، ރާއްޖެ ގެއްލިގެން ހިނގައިދާނެކަމުގައި ވިދާޅުވެފައެވެ.