English Edition
Dhivehi Edition
ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލައްވަނީ - ފޮޓޯ: ޓްވިޓާ

އިއްޔެ ކުރިއަށްގެންދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލީ މެމްބަރުންނަށް އެ ޕާޓީގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޝުކުރު ދަންނަވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓުދެއްވައި، ޕާޓީގެ މެމްބަރުންގެ ޚިދުމަތުގައި ދެމިހުރުމަށް ދެއްވި ތާއީދަށް، ވޯޓު ދިން ހުރިހާ މެމްބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފަ އެވެ.

“އަދި މި ވޯޓުގައި ބައިވެރިވެވަޑައިގަނެ، މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ”، އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި 80% މީހުން ވޯޓު ލާނެކަމަށް ލަފާކުރި ނަމަވެސް، ވޯޓު ލާފައި ވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 27 އިންސައްތަ ކަމަށް ވަގުތީ ނަތީޖާއިން ވަނީ ދައްކައިފަ އެވެ. އެކަމާއި ގުޅިގެން އެމްޑީޕީ އަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވަނީ އިދިކޮޅު ޕާޓީގެ އިންތިހާބެއްގައި ވޯޓުލާން 200 އެއްހާ މީހުން ނެރުމަށް ޗެލެންޖުކުރައްވައިފަ އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުގައި އުޅޭނީ ވޯޓުގެ އާބާދީގެ ހަތް ޕަސެންޓް ކަމަށެވެ. ޕާޓީގެ އިންތިހާބުތަކުން މޮޅުކުރުމަށް ހަރަކާތްތެރިވާ ފަންސަވީސް ހާސް މީހުން ތިބީ ހަމަ އެއްވެސް ބަދަލެއް ނައިސްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ނިމުނު އިންތިހާބުގައި ވެސް ވޯޓުލާފައި ވަނީ، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ މެމްބަރުންކަމުގައެވެ.

ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކުގެ ވާހަކައަށް ރައްދު ދެއްވާފައިވާއިރު މިއީ އެމްޑީޕީގެ ތާރީޚުގައި ވެސް އެތެރޭގެ ބޮޑު އިންތިޚާބެއްގައި އެންމެ މަދު ބަޔަކު ވޯޓުލީ ފަހަރެވެ.