English Edition
Dhivehi Edition

އެމްޑީޕީގެ ލީޑަޝިޕް ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި،ވޯޓުލީ މީހުންގެ އަދަދާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓު ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ މި ކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ވާހަކަތަކާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވަނީ އިދިކޮޅު ޕާޓީގެ އިންތިހާބެއްގައި ވޯޓުލާން 200 އެއްހާ މީހުން ނެރުމަށް ޗެލެންޖުކުރައްވައިފަ އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުގައި އުޅޭނީ ވޯޓުގެ އާބާދީގެ ހަތް ޕަސެންޓް ކަމަށެވެ. ޕާޓީގެ އިންތިހާބުތަކުން މޮޅުކުރުމަށް ހަރަކާތްތެރިވާ ފަންސަވީސް ހާސް މީހުން ތިބީ ހަމަ އެއްވެސް ބަދަލެއް ނައިސްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ނިމުނު އިންތިހާބުގައި ވެސް ވޯޓުލާފައި ވަނީ، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ މެމްބަރުންކަމުގައެވެ.

ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކުގެ ވާހަކައަށް ރައްދު ދެއްވާފައިވާއިރު މިއީ އެމްޑީޕީގެ ތާރީޚުގައި ވެސް އެތެރޭގެ ބޮޑު އިންތިޚާބެއްގައި އެންމެ މަދު ބަޔަކު ވޯޓުލީ ފަހަރެވެ.