ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި ބާއްވާ އައިޓީބީ ފެއަރ 2020، 2021 އަދި 2022 ވަނަ އަހަރުގެ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ “ރިކުއިސްޓް ފޯރ ޕްރޮޕޯސަލް” (އާރުއެފްޕީ) އެއް 21 ނޮވެމްބަރުން ފެށިގެން 10 ޑިސެމްބަރުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށް، ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާގައި ހުންނަ އެ ކޯޕަރޭޝަނުން -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރަށް ލިބޭނެ ކަމަށެވެ.
އާރުއެފްޕީ ގަންނަން ބޭނުންވާ ފަރާތްތަކުން ކޭޝް، ޗެކް ނުވަތަ އެ ކޯޕަރޭޝަނުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވުމުން އާރުއެފްޕީ ލިބޭނެ ކަމަށާއި، އެ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫން ކަމުގައިވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ޕްރޮޕޯސަލް ހުށަހެޅޭނީ އާރުއެފްޕީ ގަންނަން އެދޭފަރާތުގެ ނަމުގައި ކަމަށާއި، އާރުއެފްޕީ ގަންނަންވާނީ އައިޓީބީ ފެއަރ 2020، 2021 އަދި 2022 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ކަމަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ 24 ޑިސެމްބަރުގެ މެންދުރުފަހު 15:00 ކަމަށާއި، ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައި ކަމަށެވެ.
މީގެ އިތުރުން، ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރަންޖެހޭނެ ކަމަށާއި، ސިޓީ އުރައިގެ ބޭރުގައި ” އައި.ޓީ.ބީ ފެއަރ 2020، 2021 އަދި 2022 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދިނުން” މިހެން ލިޔެފައި އޮންނަންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު ހަމަވުމުން، ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ.