English Edition
Dhivehi Edition
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗު ދިވެހި ރާއްޖޭގެ ގައުމީ ޓީމް ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ގުއާމް އާއި ދެކޮޅަށް ގައުމީ ޓީމް މިއަދު ކުޅުނު މިމެޗު ކާމިޔާބުކޮށްފައިވަނީ 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މިނަތީޖާ އާއި އެކު ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ސީދާ ޖާގައެއް ހޯދުމުގެ އުއްމީދު މިއަދު އާކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ  ފަސް މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން މޮޅުވެފައިވަނީ ގުއާމް އަތުން  އެކަނިއެވެ.ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ރާއްޖޭން ވަނީ ގުއާމް ދަނޑުގައި އެޓީމު 1-0 އިން ބަލިކޮށްފަ އެވެ. ޗައިނާ، ސީރިއާ އަދި ފިލިޕީންސް އަތުން ބަލިވީ އެވެ. ދެން އޮތީ އަންނަ އަހަރު، ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭއިން ދެ ލަނޑު ކާމިޔާބު ކުރި ނަމަވެސް ނަތީޖާ ފުޅާ ކުރަން ލިބުނު  ގިނަ  ފުރުސަތުށް ރާއްޖޭއިން ވަނީ ބޭކާރު ކޮށްލާފައެވެ. މިގޮތުން  އެންމެ ފާހަގަ ކުރެވެނީ އެރިއާ ތެރޭގައި ހުއްސަ ހުރެފައި ރާއްޖޭގައި މިވަގުތު އުފެދުނު  އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގޭ) ފޮނުވާލި ބޯޅައެވެ.
ރާއްޖޭގެ ފުރަތަމަ ލަނޑު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ކާމޔާބު ކުރީ އަޝްފާގް ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. މެޗުގެ 29 ވަނަ މިނެޓްގައި ރާއްޖެއިން ޖެހުނީ ސަމްޙް ބަދަލު ކުރާށެވެ. އެއީ އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ.
މެޗުގައި ރާއްޖޭގެ ޓީމުގެ ދެ ވަނަ ގޯލަކީ ސަމުއްޓެގެ ބަދަލުގައި ކުޅެން ނިކުތް ހައިޝަމްގެ އަރިމަތިން ހައިޝަމް ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި  ގުއާމްގެ ޑިފެންޑަރު ޓްރާވިސް ނިކްލޯގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު ރާއްޖެ ފުރަތަމަ ހާފް ނިންމާލާފައިވާއި ވާއިރު ދެ ވަނަ ހާފަށް ބޮޑު އިތުބާރާއެކު ރާއްޖެއިން ކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ގުއާމުންގެ  ޖޯން މެޓްކިން ވަނީ އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.ރާއްޖޭގެ ޓީމުގެ ތިން ވަނަ  ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. ބޯޅަ ގޯލަށް ވަނީ އޭރިޔާ ބޭރުން ގުއާމްގެ ކީޕަރު ސާފުކޮށްލި ބޯޅައެއް ދަގަނޑޭގެ ފައިގައި ޖެހިފައި މަތިން ގޮހެވެ.މިއީ ދަގަނޑޭ ގައުމީ ޖާރޒީގައި ކާމިޔާބުކުރި 54 ވަނަ ލަނޑެއެވެ.
މިއަދުގެ މޮޅާއެކު ރާއްޖެއަށް ވަނީ ކުޅުނު ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ