English Edition
Dhivehi Edition

އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީ 91ވަނަ މިނެޓްގައި ވައްދާލި ޕެނަލްޓީން އުރުގުއާއީ އާއި އެއްވަރުކޮށް އާޖެންޓީނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ރޭ ކުޅުނު މިމެޗުގައި ސްޕެއިންގެ ބާސެލޯނާއަށް ކުޅެނުން ގެންދާ މިވަގުތު ދުނިޔޭގައި ތިބި މޮޅު ފޯވާޑުން ކަމުގައިވާ އުރުގުއޭގެ ލުއިސް ސްވަރޭޒް އާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ އާޖެންޓިނާގެ ލިއޮނަލް މެސީގެ ވާދަވެރިކަން ފެނިގެން ގޮސްފައިވާ އިރު މެސީ އާޖެންޓީނާއަށް ބަލިވިޔަ ނުދީ ސަލާމަށް ކޮށްފައިވަނީ 68 ވަނަ މިނެޓްގައި ސުވަރޭޒް ކާމިޔާބުކޮށްދިން ލަނޑުން އުރުގުއޭ މޮޅުވާން ދަނިކޮށެވެ.

މި އަހަރު ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އައި ސަސްޕެންޝަނަށް ފަހު ގައުމީ ޓީމާއި ދުރުގައި ހުރި މެސީ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ޓީމް ބަލިވިޔަ ނުދީ ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.މިގޮތުން މިދިޔަ ހުކުރު ދުވަހު ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި ވެސް މެސީ ވަނީ ލަނޑު ޖަހައިފަ އެވެ.

އިޒްރޭލުގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ފުރަތަމަ ހާފުގައި އެޑިސަން ކަވާނީގެ ގޯލުން އުރުގުއޭ ލީޑުނަގާފައިވަނިކޮށް މެޗުގެ 63 ވަނަ މިނިޓްގައި އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން ލުއިސް ސުއަރޭޒް ކާމިޔާބުކުރި ހިއްގައިމު ލަނޑުން އުރުގުއޭ އިން ދެ ވަނަ ފަހަރަށް ލީޑުނެގި ނަމަވެސް އުރުގުއޭ މޮޅުވާން ދަނިކޮށް ފަހު ވަގުތު ލިބުނު ޕެނަލްޓީން މެސީ ވަނީ އާޖެންޓީނާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ރޭގެ މެޗުގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން ގެންދާ އުރުގުއޭގެ ޕޯވާޑް ކަވާނީ ކާމިޔާބު ކުރި ލަނޑަކީ އެނާ ގައުމީ ޓީމައަށް ކާމިޔާބުކޮށްދިން 50 ވަނަ ގޯލެއެވެ.އެނާ ވަނީ މިދިޔަ ހުކުރު ދުވަހު ހަންގޭރީ އާއި ދެކޮޅަށް އުރުގުއޭ ކުޅުނު މެޗުގައި ވެސް ލަނޑު ޖަހާފައެވެ.