English Edition
Dhivehi Edition
ބްރެޒިލްގެ ތަރި ނޭމާ. --ފޮޓޯ: ޓުވިޓާ

ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުގައި ރޭ ރަށުން ބޭރުގައި ޕެރޫ އަތުން 4-2 އިން މޮޅުވި މެޗުގައި ވައްދާލި ހެޓްރިކާއެކު ނޭމާ ވަނީ ބްރެޒިލްގެ ތާރީޚުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު ނޭމާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު 64 އަށް އަރުވައި ކުރިން ދެވަނަ މަގާމުގައި 62 ލަނޑާއެކު އޮތް ރޮނާލްޑޯގެ ރެކޯޑް މުގުރާލާފައެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 77 ލަނޑު ޖަހައިގެން ޕެލޭ އެވެ.

ޕެރޫގެ ލީމާގައި ހުންނަ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަންދްރޭ ކަރީއްޔޯ އެވެ. އޭގެފަހުން، މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލަށް އެއްވަރުކޮށްދިނީ ނޭމާ އެވެ. މިއީ ނޭމާ އަށް ޕެރޫގެ ޔޮޝިމާ ޔޮޓުން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

ޕެރޫ އިން ދެވަނަ ފަހަރަށް ލީޑްނެގީ މެޗުގެ 59 ވަނަ މިނެޓުގައި ރެނާޓޯ ޓާޕިއާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓުފަހުން، ރިޗާލިސަން ކާމިޔާބުކުރި ގޯލުން ބްރެޒިލުން އެއްވަރުކޮށްފައިވަނިކޮށް މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޕެރޫގެ ކާލޯސް ޒަމްބްރާނޯ، ނޭމާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން އޭނާ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ނޭމާ ވަނީ ހެޓްރިކް ފުރިހަމަކޮށް ބްރެޒިލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. އަދި މި މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި ޕެރޫގެ ކާލޯސް ކައިސޭޑޯ އާއި ޒަމްބްރާނޯ އަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ބޮލީވިއާގެ ދަނޑުގައި އާޖެންޓީނާ ވަނީ ފަހަތުންއަރައި 2-1 އިން މޮޅުވެފައެވެ. މި މެޗުގެ 24 ވަނަ މިނެޓުގައި ބޮލީވިއާގެ މޮރޭނޯ މާޓިންސް ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމެންދަނިކޮށް އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޮޓާރޯ މާޓިނޭޒް އެވެ. އަދި އާޖެންޓީނާ މޮޅުވި ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވަކީން ކޮރޭއާ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އުރުގުއޭ އަތުން 4-2 އިން އިކުއޭޑޯ މޮޅުވިއިރު، ވެނެޒުއެލާ ވަނީ 1-0 އިން ޕެރަގުއޭ ބަލިކޮށްފައެވެ. ޗިލީއާ ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.