ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ އިން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ލޮޓާރޯ މާޓިނޭޒް، އިންޓަ މިލާން ދޫކޮށްނުލާނެކަމަށް އެ ކްލަބުގެ ނައިބު ރައީސް ހަވިއޭ ޒަނެއްޓީ ބުނެފިއެވެ.
އުމުރުން 22 އަހަރުގެ މާޓިނޭޒަކީ ބާސެލޯނާ އިން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ލުއިސް ސުއަރޭޒްގެ ބަދަލުގައި ގެންދިއުމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށްވާއިރު، ބާސެލޯނާގައި ލިއޮނަލް މެސީއާ އެކު ކުޅެން ބޭނުންވާތީ މާޓިނޭޒް ވެސް ސްޕެއިނަށް ބަދަލުވާން ބޭނުންވާ ކަމަށް މީގެކުރީން ބައެއް ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިންޓަގެ ލެޖެންޑް އަދި ނައިބު ރައީސް ޒަނެއްޓީ ބުނީ އަންނަ ސީޒަނުގައި ވެސް މާޓިނޭޒް ފެންނާނީ އެ ކްލަބުން ކަމަށާއި އަދި މާޓިނޭޒަށް ޝައުގުވެރިވަނީ ހަމައެކަނި ބާސެލޯނާ ނޫން ކަމަށާއި، މިހާރު ހުރީ ބޮޑު ކްލަބުންވެސް އޭނާ ބޭނުންވާކަން ޚުދު އެ ކުޅުންތެރިޔާ އަށް އެނގޭނެކަމަށް ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޒަނެއްޓީ ބުންޏެވެ.
ޒަނެއްޓީ އިތުރަށް ބުނީ މާޓިނޭޒް އަކީ އިންޓަގެ މިހާރު އަދި މުސްތަގުބަލުކަމަށާއި، އަނެއްކޮޅުން އޭނާ ވެސް އިޓަލީގައި ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ. މިވަގުތަށް ބަލާއިރު، މާޓިނޭޒް އެ ކްލަބު ދޫކޮށްލުމުގެ ފުރުޞަތެއްނެތް ކަމަށް ވެސް ޒަނެއްޓީ ފާހަގަކުރިއެވެ. އެހެންނަމަވެސް، ކޮންމެ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ ފީ އަނެއް ކްލަބުން ދައްކައިގެން އެ ކްލަބަކަށް ބަދަލުވުމުގެ ފުރުޞަތު އޮންނަ ކަމަށާއި، އެ ކަމުގައި ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށް ޒަނެއްޓީ ބުންޏެވެ.
އާޖެންޓީނާގެ ރޭސިން ކްލަބުން 2018 ވަނަ އަހަރު 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އިންޓައާ ގުޅުނު މާޓިނޭޒް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅެދިން 84 މެޗުގައި 30 ލަނޑު ޖަހައިދީ، އިތުރު 8 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މީގެ އިތުރުން، އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި ނުވަ ލަނޑު ޖަހައިދީފައެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށްއައިއިރު އިންޓަ އިން ވަނީ ލޯން އުސޫލުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒްގެ އިތުރުން ސްޓެފާނޯ ސެންސީ އާއި ނިކޮލޯ ބަރެއްލާގެ އެއްބަސްވުން ދާއިމީކޮށްފައެވެ. މީގެއިތުރުން، އެ ޓީމުން ވަނީ ރެއާލް މެޑްރިޑްގެ ފުލްބެކް އަޝްރަފް ހަކީމީ އާއި އޭއެސް ރޯމާގެ އަލެކްސެންޑާ ކޮލަރޯވް ގެނެސްފައެވެ.