English Edition
Dhivehi Edition

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ، މިރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އުމުރުން 60 އަހަރުގެ މަރަޑޯނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

ދާދިފަހުން މަރަޑޯނާ ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުން އޮޕަރޭޝަނެއް ކޮށްފައެވެ. މި އޮޕަރޭޝަނަށްފަހު މަރަޑޯނާގެ ހާލު ރަނގަޅުކަމަށް މީގެކުރީން އޭނާގެ ޑޮކްޓަރު ލިއޮޕޮލްޑޯ ލޮޕޭޒްއާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވެއެވެ. އަދި އޮޕަރޭޝަނަށްފަހު މި މަހުގެ 12 ވަނަ ދުވަހު މަރަޑޯނާގެ ހާލު ރަނގަޅުވުމުން ރިކަވަރީ އަށް އަނބުރާ ގެއަށް ދޫކޮށްލާފައިވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ކުޅުމުގެ ކެރިއަރުގައި ކާމިޔާބު ހޯދާފައިވާއިރު، ދިރިއުޅުމުގެ އާދަތައް ބެހެއްޓިގޮތުގެ ސަބަބުން ސިއްހީ ގޮތުން އެތަކެއް މައްސަލަތައް ކުރިމަތިވެ، ހީކުރި ވަރަށްވުރެ އަވަހަށް ކެރިއަރު ވަނީ ނިމިފައެވެ.

އޭނާގެ ކްލަބު ކެރިއަރުގައި ހޭދަކުރީ 21 ވަރަކަށް އަހަރުގެ ތެރޭގައި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ނަޕޯލީ އަށް ވަނީ ކުޅެފައެވެ. ނަޕޯލީގައި ހޭދަކުރީ ކާމިޔާބު ދުވަސްވަރުގައި އިޓާލިއަން ސެރިއޭ ދެ ފަހަރު އަދި ޔުއެފާ ކަޕާއި އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު އުފުލާލައިފައެވެ. ބާސެލޯނާ އާއެކު ސްޕެނިޝް ސުޕަ ކަޕާއި، ސްޕެނިޝް ކަޕްގެ އިތުރުން ލީގު ކަޕް ކާމިޔާބުކޮށްފައިވެއެވެ.