English Edition
Dhivehi Edition
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: އަވަސް

އިއްޔެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވަނީ ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި ކަމަށާއި، ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށެވެ.

“މުޅި އޮޑީގައި ރައީސް ނަޝީދުގެ ދެ ފައި. ތިޔަ ކަންތައްތައް އަލުން ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ”، އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވެއެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކިން ނެގި ވޯޓުގައި ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް 69 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރުންނެވެ.

އައްޑޫ ސިޓީގެ ހިތަދޫ އަށް ބޭފުޅެއް ކަމުގައިވާ އަޙްމަދު އަބްދުﷲ ދީދީ، އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. އެމަނިކުފާނު ވަނީ 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކޮށްފައިވާ އިރު އެ ދެބޭފުޅުން މީގެ ކުރިން ވަނީ 60 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ލ. މާވަށަށް އުފަން ފަނޑިޔާރު އާދަމް މުހައްމަދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ އޮގަސްޓް 10، 2010 ގަ އެވެ

މިއީ އުއްތަމަ ފަނޑިޔާރެއްގެ މަގާމު ގެއްލުނު ތިން ވަނަ ފަހަރެވެ.