ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ޔޫތު މިނިސްޓަރ، އަހްމަދު މަހުލޫފް، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަސްވެސް އަދި ފުރަތަމަ އަހަރުވެސް ކާމިޔާބުކޮށް ނިންމަވާލެއްވީތީ މަރުޙަބާ ދަންނަވައިފަ އެވެ.
Raees @ibusolih ge furathama 100 dhuvas adhi furathama aharuves kaamiyaabukoh nimmavaalevveethee marhaba.
Aniyaaverinuve,QA ah ihthiraam kuravvaa,Dheenah furahsaarakuraa adhi harukashi faraaiythakah fiyavalhu alhuvvaa, tharahgeege mashroouthah egendhavanee baarah kuriah.?? pic.twitter.com/AGuAriu76O
— Ahmed Mahloof (@AhmedMahloof) November 17, 2019
“އަނިޔާވެރިނުވެ، ޤާނޫނު އަސާސީ އަށް އިޙްތިރާމް ކުރައްވާ، ދީނަށް ފުރައްސާރަކުރާ އަދި ހަރުކަށި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާ، ތަރައްޤީގެ މަޝްރޫޢުތައް އެގެންދަވަނީ ކުރިއަށް”، އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބުކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ހަވަނަ ރައީސްގެ ގޮތުގައި ރައީސް ސޯލިހު ހުވާކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމުގައިވާއިރު، ކޯލިޝަންގައި ހިމެނެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، އަދާލަތު ޕާޓީ (އޭޕީ)ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.