English Edition
Dhivehi Edition
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން - މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް އަލްއުސްތާޛާ ހިސާން ހުސައިން ހަމަޖައްސައިފި އެވެ. ހިސާން ހުސައިން އަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރަށްވަމުން ގެންދަވާ މެމްބަރެވެ.

ޖޭއެސްސީ ގައި ހިސާން ހުންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެމްބަރެއްގެ ގޮތުންނެވެ.

ޤާނޫނީ ވަކީލު ހިސާން ހުސައިން ޖޭއެސްސީ ގެ ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ ޖޭއެސްސީ ގެ ރައީސް ގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަރީފު އިސްތިއުފާ ދެއްވިއިރު ޖޭއެސްސީ އިން ދަނީ ފަނޑިޔާރު އަރީފާއި އުއްތަމަ ފަނޑިޔާރު ހިމެނޭގޮތަށް އިތުރު ފަނޑިޔާރުން ތަކެއްގެ ސުލޫކީ މައްސަލަ ވެސް ބައްލަވަމުންނެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގައި ތިއްބަވާނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުގެ ތިން ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.