English Edition
Dhivehi Edition
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން - މަޖިލިސް

ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނުން ދޭހަވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރަން ޖެހިފައިވާ މިންވަރު ކަމަށް ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އަށް މަޖިލީހުން ކަނޑައަޅާފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު ރިއްފަތުގެގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ ސްޕްރީމް ކޯޓުން އާދީއްތަ ދުވަހު ނެރުނު ބަޔާނާއި ގުޅިގެން ހިސާން ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ޕްރެސް ސްޓޭޓްމަންޓުން ސާފުވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖެހިފައިވާ މިންވަރު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އޭނާ އެފަދަ އިންޒާރެއްދީފައި ވަނީ މިދިޔަ މަހުގެ 29 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން އޭނާއާ ބައްދަލުކުރުމުން ކަމަށެވެ.

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ސުޕުރީމް ކޯޓުން ބުނީ ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިޚްތިޞާޞާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުން ކަމަށެވެ.