އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ތާއިދުނުކުރާ އެންމެންނަށް ވަގު ތުހުމަތު އަޅުވާ ކޮރަޕްޓު ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ އެމްޑީޕީގެ އިންތިޚާބުގެ ކެމްޕެއިންގައި، އޭނާގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ބޮލުގައި އަޅުވަމުންދާ ވައްކަމާއި، ކޮރަޕްޝަންގެ ކަންކަމާއި ގުޅިގެން އޭނާގެ ދިފާއުގައި ކުރެއްވި ޓުވީޓެއްގައެވެ.
ފިރިކަލުން ނާޒިލްގެ ދިފާއުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ނާޒިލްއަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މިހެއްނޫން ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އިއުލާނަކަށް ބިޑު ކުރާ މީހެއް ނޫންކަމަށްވެސް ހިސާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ އިންތިއަށް ތާއިދުނުކުރާ އެންމެންނަކީ ވަގުން ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގެ ކެމްޕެއިން ފޯރިގަދަވެ ރައީސް ނަޝީދު އަށް ތާއިދުކުރައްވާ މެމްބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއިދުކުރައްވާ މެމެބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މި ހިޔާލު ތަފާތުވުންތަކާއެކު އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުން އަންނަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.