English Edition
Dhivehi Edition

ކޯޓުތަކުން ހެކިބަސް ނެގުމުގައި އަމަލުކުރާ ގޮތުން ޝަރީއަތް ލަސްވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެެއެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގައި ފަނޑިޔާރުންގެ ސުލޫކަށް އަސަރުކުރާ ކަމެއް އޮތްތޯ ބެއްލެވުމަށް ފަހު، ޖޭއެސްސީގެ ރައީސް، މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ސޮއިކުރައްވައި މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހެކިބަސް ދޭން އުޒުވެރިވާ ކަމަށް ބުނެ ބައެއް ހެކިން ކޯޓުގައި ހެކިބަސް ދޭން ދެކޮޅު ހެދުމުން ހެކިބަސް ނުނަގަން ކޯޓުތަކުން ނިންމާތީ މައްސަލަތަކުގައި އިންސާފާއި ހަމައަށް ވާސިލުވާން ހުރަސް އެޅޭކަމަށެވެ.

މީގެ އިތުރުން އެއް ބާވަތެއްގެ މައްސަލަތަކުގައި އެކި ފަނޑިޔާރުން އަމަލު ކުރާ ގޮތް ތަފާތު ކަމަށާއި، އެކި ކޯޓުތަކުން އަމަލު ކުރާ ގޮތް ތަފާތުކަން ފާހަގަކުރައްވަމުން އެ ސިޓީގައި ބުނެފައިވަނީ ހެކިން ކޯޓުތަކަށް ހާޒިރު ކުރުމުގައްޔާއި ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ސަބަބުން މައްސަލަތައް ނުނިމި ލަސްވެ، އިންސާފު ލިބުމަށް ހުރަސްތަކެއް އެޅިގެން ދާ ކަމަށެވެ.

އިތުރަށް އެ ސިޓީގައި ބުނެފައިވަނީ ބައެއް މައްސަލަތަކުގައި ހެކި ހާޒިރު ކުރުމަކީ ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ނިންމައި ކޯޓުތަކުން އެގޮތަށް އަންގާފައިވާކަމަށެވެ. އަދި ބައެއް ފަހަރު ހެކިން ހާޒިރުކުރަން ދައުވާ ކުރާ ފަރާތުން އެދިގެން އަމުރުތައް ނެރެދޭއިރު، ދައުވާ ރައްދުވާ ފަރާތުން އެދިގެން ހެކިން ހާޒިރު ކުރުމުގެ އަމުރު ނެރެ ނުދީ އެބަހުރިކަންވެސް ސިޓީގައިވަނީ ފާހަގަކޮށްފައެވެ.