ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމް ސިޔާސީ ކަންކަމުގައި އުޅުއްވާތީ އާއި ރައްޔިތުންގެ މަޖިލިހުގައި އިންނަވާތީ އެކަމާ އުނދަގޫވެގެން ބަޔަކު އުޅެނީ ހިތަށް އެރިހާ ގޮތަކަށް މޮޑެނުލެވޭނެތީ ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ މައި މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމީހަކު އުޅޭނެގޮތް ނިންމާނީ އެމީހަކު ކަމަށާއި، ބަޔަކަށް އުނދަގޫވެގެން އުޅެނީ ހިތަށް އެރިހާ ގޮތަކަށް މޮޑެނުލެވޭނެތީ ކަމަށެވެ.
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވަކި ހިސާބަކަށް މޮޑެލެވުނީމާ ގައުމިއްޔަތެއް ހުރި ވަތަނިއްޔތެއް ހުރި، އަދި އީމާންކަމެއް ހުރި މީހަކަށް އަނގައިން ނުބުނެ ނުހުރެވޭނެ ކަމަށެވެ.
“ އަޅުގަނޑާ ދިމާއަށް އެއްޗެހިކިޔާނެ، އެކަން ބަރުދާސްތުކުރާނީ އަޅުގަނޑު. އަޅުގަނޑާ ދިމާއަށް ހައްގަކާ ނުލައި މީހަކު ކިޔާ އެއްޗެއްސަށް ހިތުގައިޖެހި ރޮވިގެން ގެއަށް ވަންނަ ވައްތަރުގެ ފިނޑިއެއްނޫން އަޅުގަނޑަކީ އިރާދަކުރެއްވީތީ. އެހެނެއްނޫން، އަޅުގަނޑު ކަމެއްކޮށްގެން، ހަގީގަތެއް އޮވެގެން މިހަކަށް އަނިޔާއެއް ކޮށްގެން ނުވަތަ ނިކަމެތިކަމެއް ކޮށްގެން އަޅުގަނޑާ ދިމާއަށް މީހަކުއެއްޗެއް ބުނެފިއްޔާ އަޅުގަނޑު ދެރަވާނެ. އަޅުގަނޑު ވައްކަމެއް ކޮށްގެން ސަރުކާރުގެ އެއްޗެއް ލޫޓުވާލައިގެން ނުވަތަ އެހެން މީހެއްގެ އެއްޗެއް ދަމައިގަނެގެން ބުނެފިއްޔާ ދެރަވެދާނެ” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ހައްގުގޮތުގައި ދުނިޔެ ހޯދުމަށް ކަމަށާއި، ކުރައްވާކަމެއް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން، ގާނޫނީ ހަމަތަކުގެ ތެރެއިން، ﷲ ރުހިވޮޑިގަންނަވާ މަގުގައި ހިފަހައްޓައިގެން ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރައްވާއިރު މީހަކު ކޮށްފާނެ އަނިޔާއަކަށް، ކޮށްފާނެ ޖެއްސުމަކަށް ނުބައްލަވާނެ ކަމަށާއި، މަސައްކަތް ކުރައްވާނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭކަމަށް ވަންޏާ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއާއިވެސް ކުރިއެރުން ލިބޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.