English Edition
Dhivehi Edition

ކޮންމެ ފަހަރަކުވެސް އިންތިޚާބަކަށް ފޮޅޭ މަލެއްފަދައިން ފޮޅޭކަށް ޖުމްހޫރީ ޕާޓީ އަބަދަކު ނޯންނާނެ ކަމަށާއި، ކުޅޭކުޅޭ ބަޔަކަށް ވެގެން ތިބެވޭކަށްވެސް ނެތްކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން، އެޕާޓީގެ މައި މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީން ކުރިމަތިލާނެ ވާހަކަ ބުނީމާ، އެކަން ބައެއް ބޭފުޅުން ވަރަށް ކަންބޮޑުވާ ކަމަކަށް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް، ޖޭޕީން ކެންޑިޑޭޓެއް ނެރޭނޭ ކަމަށާއި، ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޖުމްހޫރީ ޕާޓީގެ މެމްބަރުން ކަމަށް ގާސިމް ވިދާޅުވިއެވެ.

“ކޮންމެ ފަހަރަކުވެސް އިންތިޚާބަކަށް ފޮޅޭ މަލެއްފަދައިން ފޮޅޭކަށް ޖުމްހޫރީ ޕާޓީ އަބަދަކު ނޯންނާނެ. ކުޅޭކުޅޭ ބަޔަކަށް ވެގެން ތިބެވޭކަށްވެސް ދެނ ް ނެތް. އެކަމުންވެސް ސަލާމަތްވެ ކުރިއަށް ނުކުންނަންޖެހޭ ކޮންމެވެސް ދުވަހެއް އަންނާނެ . އެކަމަކު ވެރިކަން ނުލިބުމަކީ ކޮންމެހެން ދެރަވެ ރޯންޖެހޭ ކަމެއްނޫން ” ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ ބޭފުޅާގެ ވާޖިބަކީ ލީޑަރަކަށް ހުންނަވައިގެން އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް މަސައްކަތް ކޮށްދެއްވުން ކަމަށެވެ. އަދި އޭގެ ސަބަބުން ބޮޑު ގެއްލުމާއި ނިކަމެތިކަން ކޮންމެ ފަހަރަކު ވެސް ލިބެމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް މިސަރުކާރަށް އެއްއަހަރު ވެގެންދިޔައިރު އެކަހަލަ ނިކަމެތިކަމެއް ލިބިފައި ނެތްކަން ފާހަގަ ކުރައްވަވާ ކަމަށެވެ.

“މާދަމާ ކަންވާނެގޮތެއް ނޭނގެ، އެއީ ފަރުދާގެ އަނެއްފަރާތް. ޔަގީން ކުރަނީ އިބްރާހިމް މުހަންމަދު ސާލިހް އެކަހަލަ ކަމެއް ނުކުރައްވާނެ ކަމަށް”ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި އިންނަވާތީއާއި، ސިޔާސީ ކަންކަމުގައި އުޅުއްވާތީ އެކަމާ އުނދަގޫވެގެން ބަޔަކު އުޅެނީ ކީއްވެގެންތޯވެސް ސުވާލު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ، އެމީހަކު އުޅޭނެގޮތް ނިންމާނީ އެމީހަކު ކަމަށާއި، ބަޔަކަށް އުނދަގޫވެގެން އުޅެނީ ހިތަށް އެރިހާ ގޮތަކަށް މޮޑެނުލެވޭނެތީ ކަމަށެވެ.