English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ދިފާޢުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ތެދުވެވަޑައިގެންފި އެވެ.

ޒުމަރު ސޫރަތުގެ ނުވަވަނަ އާޔަތާއި އޭގެ މާނަ އެޓޭޗްކުރައްވައި ޝެއިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކަމުގެ ޢިލްމު ލިބިވަޑައިގެންފައިވާ ޤާބިލް، ޤުރުއާން ހިތުދަސް، ޝަރީޢާއިން ޕީއެޗްޑީ އޮތް ބޭފުޅަކު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

“އެފަދަ ބޭފުޅަކު މަޤާމުން ވަކިކޮށް، ޝަރުޢީ ޢިލްމު ލިބިފައި ނުވާ ބަޔަކު އެ މަޤާމަށް ގެނައުމަކީ ކޮންކަހަލަ އިންސާފެއްތޯ؟ ރައްޔިތުން މިކަމާ ވިސަނަވާ”، އެ ޓްވީޓްގައި އިލްޔާސް ވިދާޅުވެފައި ވެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވިއިރު، ޖުޑީޝަލް ސަރިވސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންގެންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ތަޙުޤީޤު ކޮމިޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރަށް ފޮނުވި ނޯޓިހާއި އެމަނިކުފާނު ހަވާލުވެފައި ނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ރޭ ބުނެފަ އެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގައި އެމަނިކުފާނަށް ހަވާލުކުރަންޖެހޭ ނޯޓިހެއް، އެ ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް ހަވާލުކުރުމަށް މިއަދު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

“އެގޮތުން، މިކޮމިޝަންގެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުޚާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެމުވައްޒަފު އޭނާގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި އަދި މުވައްޒަފުގެ އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަމަށް އުއްތަމަ ފަނޑިޔާރަށް ދަންނަވާފައިވެއެވެ. އެގޮތަށް މުވައްޒަފު ދެންނެވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައެވެ.”، ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ވެއެވެ.