ހަސަދަވެރިވުމަކީ ވަރަށް ނުބައި ސިފައެކެވެ. މިފަހަރު ހަސަދަލައިގެން ލޯބިވާ އަނބިމީހާ މަރާލީ ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އަކީ ކްރަޝް އެއްކަމަށް ފިރިމީހާ ގާތު ބުނުމުން ނެވެ.
ނިއުޔޯކްގައިދިރިއުޅޭ އިންޑިއާގެ ދެމަފިރިން ކަމަށްވާ 33 އަހަރުގެ ޑިނޭޝް، ބާރ ޓެންޑާ އެއްގެ ވަޒީފާ އަދާކުރަމުން އައި އޭނަގެ 27 އަހަރުގެ އަނބިމީހާ ޑޯން މަރާލާފައިވަނީ ވަޅިއަކުން ހަމަލާދީގެން ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ. ޑޯން ގެ ގާތް ރަހުމަތްތެރިންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ޑިނޭޝް އަކީ އަބަދުވެސް “އޯވާޕްރޮޓެކްޓިވް” ފިރިއެއް ކަމަށާއި އަބަދުވެސް ޑޯން އަށް ފާރަލައި ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހޭކަމަށް ޑޯން ރަހުމަތްތެރިން ކައިރީބުނެފައި ވެއެވެ.
ޑޯން ގެ އިތުރު ރަހުމަތްތެރިއަކު ބުނެފައިވާ ގޮތުގައި އޭނަ ރިތިކްރޯޝަންގެ ފިލްމެއް ނޫނީ ލަވައެއްބަލަން އިނަސް ފިރިމީހާ ޓީވީ ނިއްވާލައި އޭނައަށް ރިތިކްގެ އެއްވެސް ފިލްމެއްވެސް ލަވައެއްބެލުމަށް ހުރަސް އަޅައެވެ.
މިހާދިސާ ހިނގާފައިވަނީ ޑިނޭޝް، ޑޯން އަށް ޖިސްމާނީ އަނިޔާތަކެއް ކޮށްގެން އެކަމާ ޑޯން ފުލުހުންނަށް މައްސަލަ ހުށަހަޅައި މައްސަލައަށް އޭނަ އިއުތިރާފްވެ ހުކުމް އިއްވަން ގާތްވެފައި ވަނިކޮށް ކަމަށް ނިއުޔޯކް ގެ ފުލުހުން ބުނެއެވެ.
މިދިޔަ އޯގަސްޓްމަހު ކުރި ޒުވާބެއްގައި ޑިނޭޝް ވަނީ ޑޯންގެ މޫނުމަތީގައި ޖަހައި އަނިޔާކޮށްފައެވެ. އެދުވަހު ޑޯން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ. ޑިނޭޝްގެ މި އަމަލަށް އޭނަ އިއުތިރާފްވެ ހުކުމް އިއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ މަހުގައެވެ.
ނަމަވެސް ހުކުމް އިއްވުމުގެ ކުރިން ޑިނޭޝްވަނީ ޑޯން އުޅޭ އެޕާޓްމެންޓަށް ގޮސް ވަޅިއަކުން ހަމަލާދީ އޭނަ މަރާލައި އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.