ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅައިފިއެވެ.
އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ގޮތުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ކަނޑައަޅާފައިވާއިރު، ގަން ޕޮލިސް ސްޓޭޝަނަށް ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޝްވީނާ އަޙްމަދުއެވެ. އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީން އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅާފައިމިވަނީ ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް އަތޮޅުތަކުގައި ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހާއްސަކޮށް ސިޓީތަކުގައި ދެމުންދާ ފުލުހުންގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން ގެނައި މި ބަދަލާއެކު އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ހަމަޖެހުނު ކޮމިޝަންޑް އޮފިސަރުން މިހާރުވަނީ އެސްޓޭޝަންތަކާ ހަވާލުވެ، މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.
އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކަށް ކަނޑައަޅާފައިވާ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ފުލުހުންގެ ހިދުމަތުގައި 18 އަހަރަށް ވުރެގިނަ ދުވަސް ވެފައިވާއިރު، ޔޫސުފް ލޫތު އަކީ 2008 ވަނަ އަހަރުން ފެެށިގެން ތަހުގީގު ކުރަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. ޔޫސުފް ލޫތު ތައުލީމު ހާސިލްކުރައްވާފައިވަނީ ގާނޫނީ ދާއިރާއިންނެވެ. އެގޮތުން ޝަރީއާ އިން ލޯ އިން ޑިގްރީ ހާސިލްކުރައްވާފައިވާއިރު، މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވަނީ ޝަރީޢާއިންނެވެ.
ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޝްވީނާ އަޙްމަދު ފުލުހުންގެ ހިދުމަތުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރިޝްވީނާ ވަނީ ފުލުހުންގެ ފްރަންޓްލައިންގެ އިތުރުން ޕޮލިސް މެޑިކަލް އަދި ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރައްވާފައެވެ. ރިޝްވީނާ އަޙްމަދަކީ ނަރސިންގ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ އަދި ކްރިމިނަލް ޖަސްޓިސް އިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަދި ރިޝްވީނާ އަޙްމަދު މިހާރު ގެންދަވަނީ ސޯޝަލް ސައިންސް މޭޖަރ އިން ޕޮލިސިންގ އިން ކްރިމިނޮލޮޖީން ޕީއެޗްޑީ ހާސިލްކުރެއްވުމަށް ކިޔަވާ ވިދާޅުވަމުންނެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީން ފުލުހުންގެ ހިދުމަތުގައި 12 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އާދަމް މުއީންއަކީ ފުލުހުންގެ ފްރަންޓް ލައިންގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑްގައި މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. އާދަމް މުއީން ވަނީ ބިޒްނަސް މެނޭޖަމްނަޓް ދާއިރާއިން ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން މޭޖަރ އިން ސްޓްރެޓީޖިކް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.