English Edition
Dhivehi Edition

އައްޑޫ ސިޓީ ސައުތް ޕާމުން ފާތާފައި އައްޑޫސިޓީ މީދޫއަށް އެރި އެ ރިސޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައި ވަނިކޮށް އިއްޔެ (16 މާރިޗް 2020) ފަތާފައި މީދޫއަށް އެރި ސައުތް ޕާމްގެ މުވައްޒަފު ހައްޔަރުކޮށްފައިވާ ކަން ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ. ‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތާފައި މީދޫ އަށް އަރަނިކޮށް ހައްޔަރުކޮށްފައިވަނީ އެ ތަނުގެ ޑައިވިން ދޯނީގައި މަސައްކަތްކުރާ މީދޫ އަށް ނިސްބަތްވާ މުއައްޒަފެކެވެ.

ރާއްޖެއިން ކޮވިޑް-19 ފެނި މިހާތަނަށް 13 މީހަކަށް މި ބަލި ޖެހިފައިވާއިރު ސަރުކާރުން ވަނީ 30 ދުވަހަށް މުޅި ރާއްޖެއަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާކަތު ޢިއުލާން ކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތައް އައި ޔުނިވަރސިޓީތައްވެސް ބަންދުކޮށްފައިވާއިރު މީހުން އެއްވެ ހިންގާ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ވެސް ސަރުކާރުން ވަނީ އަންގާފަ އެވެ.

ގައިންގަޔަށް އަރާ މި ވައިރަސް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އިންޓަރނޭޝަނަލް ފްލައިޓްތައް މެދުކަނޑާލުން ހިމެނެއެވެ.

ފުލުހުން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް އެ އިދާރާއިން ތަންފީޒުކުރާނެ ކަމަށެވެ.