ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހްމަދު ހައިލަމް ނެރުއްވި ބަޔާނާއި ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މީހުން ހޯދަން ތަޙުޤީޤު އަވަސްކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
Fandiyaaru Hailam neruvvi bayaanaa gulhigen, RY ge shareeathah nufoozu foaruvan masakkaiy kuri meehun hoadhan thahugeegu avaskuranjehey. Mifadha massalathakugai PG aai police isve masakkaiy kuranjehey. Mihaaru midhanee QA ge 42, 141, 142 ge baaru kendemun.https://t.co/g6BpcVsTHC
— Adam Shareef Umar (@Adamshareefz) November 9, 2019
އެ ޓްވީޓްގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އެފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިސްވެ މަސައްކަތް ކުރަންޖެހޭ ކަމަށް ކަމަށެވެ.
“މިހާރު މިދަނީ ޤާނޫނު އަސާސީގެ 42، 141، 142ގެ ބާރު ކެނޑެމުން”، އެ ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވިއިރު، ސަރުކާރުގެ ވަރަށް އިސް މަޤާމްތަކުގައި ތިބި ފަރާތްތަކުން ސީދާގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންނާއި އަދި އެހެން މީހުން މެދުވެރިކޮށްގެން ވެސް ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށް ވިދާޅުވެ ޤާޒީ ހައިލަމް ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ.
އަދި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަޤާމްތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް އޭނާއަށް ނުފޫޒުފޯރުވަން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވި އެވެ.
“އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައިވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ހައިލަމް ވިދާޅުވީ ޔާމީން ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، 19 މެއި 2019 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއާ ދެމެދު ހިނގައިދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތް ކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެކަމުގެ އިންޒާރު ދިނުމުގެ އިތުރުން ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
“މިނުފޫޒު މިގޮތަށް ހިނގަމުންދާކަން މިއަދު ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީއަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އަދި ސަސްޕެންޑްވާން ބޭނުން ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް މިހާރު އެނގިވަޑައިގަންނަވާނެ އެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.
ހައިލަމް ވިދާޅުވީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ޙުކުމް ކިތަންމެ މަތީ މަޤާމެއްގައި ހުރި ފަރާތަކަށް ވިޔަސް، ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަން ނުޖެހޭނެ ކަމަށެވެ.