English Edition
Dhivehi Edition

އައިރަނާސް އިން އައްޑޫގައި ބާއްވާ މެރެތަންގައި ރަޖިސްޓްރީ ވުން މާދަމާގެ ނިޔަލަށްއޮތުމަށް ފަހު ގިނަ ބައެއްގެ އެދުމުގެ މަތިން މިމަހުގެ 13 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ. ދުޅަހެޔޮ ސިއްޙަތަކާއެކު ޙަރަކާތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ހިތްވަރުދީ މެރެތަންގެ ގިނަ ޙަރަކާތްތަކެއް ރާއްޖޭގައި ހިންގަމުންއަންނަ “އައިރަނާސް” އިން އައްޑޫ މެރެތަން ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 5އިން 7 ގެ ނިޔަލަށެވެ.ތިން ދުވަހަށް ދިގުދެމިގެންދާ މި ރަނިން ފެސްޓިވަލް ގައި ފުރަތަމަ އޮތީ އަލްޓްރާ މެރެތަންގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރާ 100 ކިލޯމީޓަރ ގެ ދުވުމެކެވެ. ޑިސެމްބަރ 6 ވަނަ ދުވަހުގެ ދަންވަރު 2 ޖަހާއިރު އޮންނާނީ 42 ކިލޯމީޓަރުގެ ދުވުމެވެ. އެރޭ ފަތިހު 5.30 ގައި ހާފް މެރެތަން އޮންނައިރު ފަންރަންގެ ނަމުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އައިރަނާސްގެ ފަރާތުން އޭއޯނިއުސްއާއި ވާހަކަ ދެއްކެވި ފާތިމަތު ނުހާ ޒާހިރު ވިދާޅުވިއެވެ.

” މިފެސްޓިވަލްގައި ވަރަށް ފޯރިގަދަ ޓީމްއިވެންޓް ތަކެއް ވެސް އޮންނާނެ،އެކި އެކި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ޢާއިލީ ޓީމްތަކަށްވެސް 5 މެމްބަރުންނާއެކު ޓީމް އިވެންޓްގައި ވާދަ ކުރެވޭނެ،ޖުމްލަ ގޮތެއްގައި އައްޑޫސިޓީއާއި ސިޓީ އިން ބޭރުގެ ގިނަ ޢަދަދެއްގެ ބަޔަކު އައްޑޫ މެރެތަންގައި ބައިވެރިވުމަށް ތައްޔާރުވަމުން އަންނަނީ ” . ނުހާ ވިދާޅުވިއެވެ. ނުހާ އިތުރަށް ވިދާޅުވި ގޮތުގައި މިއީ ޢާއިލާތަކާ ރައްޓެހިންނާއި ، އެކުގައި މަސައްކަތް ކުރާ އެތައް ބަޔަކަށް އެއްތާކުން ދުޅަހެޔޮ ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބިގެންދާނެ އަގުހުރި ފުރުސަތަކަށްވެފައި ، ރޭސް ނިންމާ ކޮންމެ ބައިވެރިއަކަށް މެޑަލް ލިބުމުގެ އިތުރަށް މި އިވެންޓުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމްތަކެއް ކަނޑައެޅިފައިވެއެވެ.

ދުވުމުގެ މިހަރަކާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭނެއެވެ. އިވެންޓްގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް “ބިބްއާއި ޓީޝާޓް” ހިމެނޭ ކިޓެއް ލިބިގެންދާނެ އެވެ. މެރެތަންގައި ރަޖިސްޓްރީ ވުމަށް ހުޅުވާފައިވާ އޮންލައިން ޕޯޓަލް އަށް ތިރީގައި ވާ ލިންކުން ވަދެވޭނެއެވެ.

https://bit.ly/addumarathon

މީގެ އިތުރުން އައިރަނާސްއިން ދަނީ އައްޑޫސިޓީގެ އެކި ރަށްރަށާއި އަވަށް ތަކުގައި ރެޖިސްޓްރޭޝަން ސްޓޯލްތަކެއް ޤާއިމްކޮށްގެން މިޚިދުމަތް ފޯރުކޮށްދެމުންނެވެ. އިވެންޓަށް ރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު އެރުވުން މިއަދު އޮތީ ހުޅުދޫ ޒުވާނުންގެ މަރުކަޒުގައެވެ.

މިފަހަރު5k ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ނޫރާނީ ސްކޫލްއާއި ޕެބްލްސްއާއި ދެމެދު ލިންކްރޯޑުންނެވެ. އެހިސާބުން ފަށައިގެން އުތުރަށް ގޮސް ހިތަދޫ ސްކޫލް ކައިރިން ބޮޑުމަގުން ދެކުނަށް ގޮސް “ޔޫޓާން” އެއް މޯލްޑިވްސް އިސްލާމިކް ބޭންކް ކައިރިން ނެގުމަށްފަހު އަނެއްކާވެސް ބޮޑުމަގުގެ އުތުރުން ލިންކްރޯޑަށް އަރައި “ޕެބްލްސް އިން” އަށް ނިންމާލާގޮތަށެވެ. އެހެން ކެޓަގަރީ ތަކުގެ ދުވުންވެސް ފެށުމާއި ނިންމުން އޮތީ ހަމަ ލިންކްރޯޑުގެ “ޕެބްލްސް އިން ” ކައިރިއަށެވެ. އެހެން ކެޓަގަރީތަކުގެ ރޫޓިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޓީމް އިވެންޓް ތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމެއްގައި ހިމެނޭ 4 ބައިވެރިން އައްޑޫސިޓީގެ ހިތަދޫއާއި މަރަދޫގެ އެކި ސަރަޙައްދުތަކުގައި ބައިތިއްބާނެއެވެ. ފުރަތަމަ ބައިވެރިޔާ ގެ ސްލޭޝް ދެވަނަ ބައިވެރިޔާއަށް އެރުވުމުން ދެވަނަ ބައިވެރިޔާގެ ދުވުން ފަށާ، ޓީމް ގެ 4 މެމްބަރުން ނިމެންދެން އެގޮތުގެ މަތިން ކުރިއަށް ދާނެއެވެ.

އައްޑޫސިޓީގައި މި ބޭއްވޭ މެރެތަންއަކީ އައިރަނާސްއިން ޓުއަރިޒަމް މިނިސްޓްރީއާއި ގުޅިގެން މިއަހަރު ފަށާފައިވާ ޓްރެވެލް މެރެތަން ސީރީސް އޮފް މޯލްޑިވްސް ގެ ދަށުން ބާއްވާ އެންމެ ފަހު އިވެންޓެވެ. އެސީރީސްގައި ހިމެނޭ ހުޅުމާލޭ މޯލްޑިވްސް އިންޓަނޭޝަނަލް އެރެތަން އާއި ލާމް ހައްދުންމަތީ މެރެތަން އާއި ފުވައްމުލަކު މެރެތަން މިހާރު ވަނީ ބާއްވާ ނިމިފައެވެ. މިއީ އައިރަނަސްއިން އައްޑޫގައި ބާއްވާ މިފަދަ 3 ވަނަ މެރެތަންއެވެ.