English Edition
Dhivehi Edition

މިއަހަރު ޑިސެމްބަރ މަހު އައްޑޫގައި ބާއްވާ ‘އައްޑޫ މެރަތަން 2019’ އަށް މިހާރު ތައްޔާރުވާން ފަށައިފައި ވާކަމަށް އެއިވެންޓް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފިއެވެ.

ޑިސެމްބަރ 06 އިން 08 އަށް ބޭއްވުމަށް ތާވަލް ކޮށްފައިވާ މިމެރަތަން އަކީ ކާމިޔާބު އެތައް މެރަތަނެއް އައްޑޫއާއި ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ބާއްވަމުންދާ އައިރަނާސްގެ އިވެންޓެކެވެ. މިއިވެންޓް ކާމިޔާބު އަދި ކުލަ ގަދަ އިވެންޓަކަށް ހެދުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް އެފަރާތުން މިހާރުވެސް ކުރަމުން ދެއެވެ.

އައިރަނާސްގެ ފޭސްބުކް ޕޭޖްގައި އެފަރާތުން ބުނެފައިވާގޮތުން އައްޑޫ މެރަތަން އަކީ މިހާތަނަށް ރާއްޖޭގެ ދެކުނުގައި އައިރަނާސްއިން ބާއްވާ އެންމެ ބޮޑު އިވެންޓްކަމަށެވެ. އަދި އެފަރާތުގެ އަމާޒަކީ އައްޑޫގެ ރައްޔިތުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުންކަމަށެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިމެރަތަންގައި ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްޙޫރު ދުވުންތެރިން ބައިވެރިވާނެކަމަށް އައި ރަނާސް އިން ބުނެއެވެ.

މިހާތަނަށް އައިރަނާސް އިން އައްޑޫގައި ބޭއްވި ހުރިހާ މެރަތަންތަކަކީވެސް ވަރަށް ކާމިޔާބު އިވެންޓްތަކެކެވެ. އެހެންކަމުން މިފަހަރުގެ އިވެންޓް ދުރާލާ ތައްޔާރު ވާން ފަށާފައިވުމަކީ އިތުރު ސުވާލެއް އުފެދޭނެކަމެއް ނޫންކަމަށް ވެސް އައްޑޫގެ ގިނަ ރައްޔިތުން ދެކެއެވެ. މިއިވެންޓް އިތުރަށް ކުލަ ގަދަ ކުރުމަށް އައިރަނާސް އިން މިހާރު ދަނީ ކަމާއި ގުޅުން ހުރި ފަރާތަކާއި މަޝްވަރާ ކުރަން ފަށާފައެވެ.