English Edition
Dhivehi Edition

ހަވީރު ފިނިބުރެއް ޖަހާލަން ފުވައްމުލައް ސިޓީގައި ދުއްވާލަން ދާނެ މާ ގިނަ މަގުތަކެއް ނޯވެއެވެ. ހަމަޖެހިލައިގެން ދުއްވާލެވެން އޮންނަ ޖަމާލުއްދީން ނައިބު ތުއްތު މަގުން ދުއްވާލަން ރައްޓެއްސަކާއި އެއްކޮށް ނިކުތީމެވެ. ދުއްވާފައި ދިޔަ ގިނަ ބައެއް މަގުގެ އެއްފަރާތުން ދުވެފައި ދިޔަ ފުރާވަރުގެ ފިރިހެން ކުއްޖަކާއި ދިމާލަށް ބަލާކަން ފާހަގަކުރެވުނެވެ. އެކުވެރިޔާ ގާތު އެއީ ކޮން ކުއްޖެއްތޯ ސުވާލު ކޮށްލީމެވެ. ޖަވާބުގައި އެކުވެރިޔާ އެއީ މިރަށުގެ ޖޯޝުއާ ޗެޕްޓެގައި އޭ ބުނެލިއެވެ. ކުޅިވަރާއި މާ ރައްޓެހި ނޫން މީހަކަށް އަޅުގަނޑު ވީ ނަމަވެސް އެއީ ދުވާ މީހެއް ކަމާއި ޖައުޝް އަށް އެމީހާގެ ނަމުން ނިސްބަތްކޮށް ވާހަކަ ދައްކާނީ ޖައުޝް އަކީ މޮޅު ދުވުންތެރިޔަކަށްވީމާ ކަން އަމިއްލަ އަށް ވިސްނުނެވެ.

އުމުރުން 16 އަހަރުގެ މުހައްމަދު ޖައުޝް އަކީ މިވަގުތު ފުވައްމުލައް ސްކޫލުގެ ގްރޭޑް 10ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ކިޔެވުމަށް ވަގުތު ދިނުމަށް ފަހު ލިބޭ ހުސްވަގުތުގައި ޖައުޝް ގިނައިން ފެނިގެން ދަނީ ދުވުމާއި ގުޅުން ހުރި ކޮންމެވެސް ކަމެއް ކުރަން އުޅެނިކޮށެވެ. ދުވުމުގެ ފޯރި ފުވައްމުލަކުގައި ހިފާލައިފައިވާއިރު ޖައުޝްއަކީ މިވަގުތު ފުވައްމުލަކުގައި ދުވުންތެރިޔަކަށް އުޅޭ އެންމެ ހަގު ދުވުންތެރިޔާއެވެ.

“އެންމެ ފުރަތަމަ ދުވަން ނިކުތީ ކުލާސް ކުއްޖަކާއި އެއްކޮށް. އޭރު ދެން ހަމަ ދުވަން އައިސް ދުވާ ޓްރެކުގައި ދެ ތިން ބުރު ޖަހާލައިފައި ދަނީ ގެއަށް. އަނެއްހެން ބުނަންޏާ އެއްވެސް ކަހަލަ ކުރިއެރުމެއް ނުފެނޭ. އޭރު އެ އުޅުނު ގޮތް ސިފަ ކޮށްދެންޏާ ބުނެވޭނީ އެއީ ސަކަރާތަކަށް ކުރި ކަމެކޭ. ހަފްތާއެއްހާ ދުވަހު ދުވަން ދެވުނު އެފަހަރު. އޭރު ހަމަ ފުވައްމުލައް މެރެތަން ވެސް އޮތް ބޯމަތިވެފައި. އެހެންނަމަވެސް ރަނގަޅަށް ތައްޔާރު ނުވެވޭނެތީ ބައިވެރިނުވާން ނިންމައިގެން ހުރީ. ވަގުތުވެސް ނެތީމަ.”

ޖައުޝްގެ ދުވުމުގެ ކާމިޔާބީގެ ފެށުމަކަށްވީ 2019 ވަނަ އަހަރު ބޭއްވުނު ފުވައްމުލައް މެރެތަންގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކުރުމުންނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރައްޓެއްސަކާއި އެކު ސަކަރާތުގައި އުޅުމުގެ ތެރެއިން ދުވުމަށް ލޯބި ޖެހި ފުވައްމުލައް މެރެތަންގައި ބައިވެރިވުމަށް ހުޅުވާލި އިތުރު ވަގުތުގެ ބޭނުން ހިފައި ޖައުޝް އެ މެރެތަންގައި ބައިވެރިވިއެވެ. މަންމަގެ އެހީއާއި އެކު އެ މެރެތަންގައި ބައިވެރިވުމަށް ފުރިހަމަ ކުރަން ޖެހުނު ކަންތައް ފުރިހަމަ ކުރުމަށް ފަހު ޖައުޝް އަމިއްލައަށް މެރެތަން އަށް ތައްޔާރުވާން ފެއްޓިއެވެ.

“އޭރު ހެނދުނު 6 ޖަހާއިރު މުބާރާތަށް ތައްޔާރުވާން ދުވާ ޓްރެކަށް ދަން. އެތަނުގައި ދެން ދުވެ، ހިނގައި އެކަހަލަ ގޮތަކަށް އުޅުނީ. އެހެން އުޅެފައި މެރެތަންގައި ދުވެ 5 ކިލޯމީޓަރުން 2 ވަނަ ލިބުނީމަ އަސްލު އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް ކުރެވުނު. ވަރަށް ގިނަ ބައެއްގެ ސަމާލުކަންވެސް ލިބުނު. 2 ވަނަ ލިބުނީމަ ފުވައްމުލަކުގައި އޭރު ދުވެ އުޅޭ މީހުންގެ ފަރާތުން ކޯޗުކަން ކޮށް ދިނުމަށް ވެސް ހުށައެޅުން ލިބުނު.”

ޖައުޝް ވަނީ އެ މެރެތަންގެ ފަހުން ދެ ކޯޗެއްގެ އެހީތެރިކަން ހޯދާފައެވެ. އެއަށް ފަހު އޭނާ ދެން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތްލެޓިކްސް އެސޯސިއޭޝަނުން ބޭއްވި ޓައިމް ޓްރަޔަލް ގައެވެ. އެ ޓައިމް ޓްރަޔަލް ގައި 1500 މީޓަރު ދުވެ ޖައުޝް ވަނީ އެ ދުވުން ކާމިޔާބުކޮށްފައެވެ. އަދި ހަމަ 2019 ވަނަ އަހަރު ބޭއްވުނު އައްޑޫ މެރެތަންގައި ޖައުޝް ވަނީ 5 ކިލޯމީޓަރު ދުވެ އެ ދުވުމުން އެއްވަނަ ހޯދާފައެވެ.

ޖައުޝް ބުނި ގޮތުގައި ޖައުޝް އެންމެ މަގުބޫލުވެގެން ދިޔަ ދުވުމަކީ މި އަހަރު ފުވައްމުލައް ސިޓީގައި ބޭއްވުނު “ހަލޫލް ފައިވް ކޭ” ދުވުމެވެ. އެ ދުވުމުން ވެސް ޖައުޝްވަނީ 5 ކިލޯމީޓަރު ނިންމައި އެއްވަނަ ހޯދާފައެެވެ.

 

“އެންމެ ރަނގަޅު ރޭހަކަށް އަދި ބައިވެރިވެވުނީ މިއަހަރު ބޭއްވުނު ނެޝަނަލް ޓައިމް ޓްރަޔަލް. އެ މެރެތަންގައި ވާދަކުރީ ފުވައްމުލަކުގެ އެންމެ ބާރަށް ދިގު ދުވުންތައް ދުވާ އެތްލީޓް ހައްމާދު އާއި އެއްކޮށް. ދުވަން އެރި އިރު ހައްމާދު އާއި އެއްކޮށް ވީމަ އަސްލު ވަރަށް ފަހުރުވެރިވި. ޖައުޝް ވިސްނީ 5 ކިލޯމީޓަރު ދުވެވޭ ވަގުތުގެ ޕާސަނަލް ރެކޯޑެއް ހަދަން. އޭރު ދުވެވެނީ 19 މިނަޓުން. އެކަމަކު އޭރުވެސް ހިތަށް އެރި ޖެހިޖެހިގެން ބައިވެރިވި ހުރިހާ މުބާރާތަކުން މޮޅު ވެފަ މި ރޭހުން ބަލި ވެއްޖެއްޔާ ހިފަހައްޓަމުން އައި ރެކޯޑް ގެއްލިދާނެ އޭ”

ޖައުޝް ބުނި ގޮތުގައި އެ ދުވުމުގައި ހައްމާދުގެ ދުވުމުގެ ސްޕީޑް ހުރި ގޮތުން ޖައުޝް ވެސް އެ ދުވުމުން އެއްވަނަ ހޯދަން ބޭނުންވި ކަމަށާއި ނަތީޖާއެއްގެ ގޮތުން ދުވުމުގެ ފަހު 800 މީޓަރުގައި ކުރި ހޯދައި ޖައުޝް އެ ދުވުމުން ވެސް އެއްވަނަ ހޯދިއެވެ. ޖައުޝް ވަނީ މެރެތަން ތަކުގެ އިތުރަށް ސްކޫލް އެތްލެޓިކްސް މުބާރާތްތަކުގައިވެސް ރަން ވަނަ ތައް ހޯދާފައެވެ. ޖައުޝް ދުވުމުގައި ހޯދި ކާމިޔާބީތަކުގެ އިތުރަށް އޭނާ އަކީ މިހާރު ރެޑްބުލްގެ ޕްރޮސްޕެކްޓެކެވެ. ރެޑްބުލް ޕްރޮސްޕެކްޓަކަށް ވުމުން ރެޑްބުލްގެ ފަރާތުން ޖައުޝްއަށް ދުވުމަށް ބޭނުންވާ އެކި ކަހަލަ އެހީތަށް ވެދެއެވެ.

ޖައުޝް އާއި ވާހަކަ ދައްކާލުމުން އެއްކަލަ އެކުވެރިޔާ ޖައުޝް އަށް ޖޯޝުއާ ޗެޕްޓެގައި ގެ ނަމުން ނިސްބަތްކޮށް ވާހަކަ ދެއްކި ސަބަބު ވިސްނުނެވެ. ޖޯޝުއާ ޗެޕްޓެގައި މިއަހަރުގެ އޮގަސްޓް މަހު 5 ކިލޯމީޓަރުގެ ދުނިޔޭގެ ރެކޯޑް އާކޮށްފައިވަނީ 12:35 ސިކުންތުންނެވެ. އެންމެ އަހަރެއް ތެރޭ ދުވުމުގައި ލިބުނު ތަމްރީނާއި ތަޖުރިބާގެ ބޭނުން ހިފައި ޖައުޝް 5 ކިލޯމީޓަރު ނިންމަނީ މިވަގުތު 18:31 ސިކުންތުންނެވެ. ތިބޭފުޅުން އަމިއްލަ ސިކުނޑިން ވިސްނުމަށްފަހު ނިންމަވާށެވެ. އެކަށީގެންވާ ރަނގަޅު ތަމްރީނު ދެވިއްޖެނަމަ ޖޯޝުއާ ޗެޕްޓެގައި އެ ހެދި ރެކޯޑް ޖައުޝް އަށް މުގުރާ ނުލެވެންވީ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ؟

1 ކޮމެންޓް
ޖައުޝްގެ މިސްއެއް
އޮކްޓޯބަރު 24, 2020
ޕްރައުޑު ޢޮފްޔޫ ޖައުޝް، ކިޔެވުމުގައިވެސް ޖައުޝް އަކީ ތިފަދަ ކާމިޔާބީތައް ހޯދިދާނެ ދަރިވަރެއް.. މޮޅުމީހަކަށް ވާން އެެންމެ ދާއިރާއެއް އިޚްތިޔާރު ކުރުމުގެ ބަދަލުގައި ގިނަ ދާއިރާތަކެއް އިޚްތިޔާރު ނުކުރަންވީ ކީއްވެ؟؟