ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހްމަދު ހައިލަމްގެ އަރިހުން އެދިވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހާމަކުރެއްވުމަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
ޤާޒީ ހައިލަމް އިއްޔެ ނެރުއްވި ބަޔާން އެޓޭޗްކުރައްވައި ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އިލްޒާމް ނޭޅުއްވުމަށް ހައިލަމް އަށް ގޮވާލައްވައިފަ އެވެ.
Gaazee Hailam, sarukaruge huriha beyfulhunge isthashifukhugai thiya ilzam naalhuvvaa, nufoozu foaruvi kamah vidhaalhuvanya ekan kurevvi beyfulhunge nanthah haama kuravvaa adhi emassala hushahalhuvvaa. pic.twitter.com/zKAgjMnBbz
— Hassan Latheef? (@HassanLatheef) November 8, 2019
“ނުފޫޒު ފޯރުވި ކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވާ އަދި އެމައްސަލަ ހުށަހަޅުއްވާ”، އެ ޓްވީޓްގައި ހަސަން ވިދާޅުވެފައި ވެއެވެ.
ހައިލަމް ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ވަރަށް އިސް މަޤާމްތަކުގައި ތިބި ފަރާތްތަކުން ސީދާގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންނާއި އަދި އެހެން މީހުން މެދުވެރިކޮށްގެން ވެސް ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށެވެ.
އަދި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަޤާމްތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް އޭނާއަށް ނުފޫޒުފޯރުވަން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވި އެވެ.
“އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައިވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ހައިލަމް ވިދާޅުވީ ޔާމީން ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، 19 މެއި 2019 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއާ ދެމެދު ހިނގައިދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތް ކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެކަމުގެ އިންޒާރު ދިނުމުގެ އިތުރުން ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
“މިނުފޫޒު މިގޮތަށް ހިނގަމުންދާކަން މިއަދު ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީއަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އަދި ސަސްޕެންޑްވާން ބޭނުން ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް މިހާރު އެނގިވަޑައިގަންނަވާނެ އެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.
ހައިލަމް ވިދާޅުވީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ޙުކުމް ކިތަންމެ މަތީ މަޤާމެއްގައި ހުރި ފަރާތަކަށް ވިޔަސް، ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަން ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންނަށް އަމާޒުކުރައްވައި ހައިލަމް ވިދާޅުވީ ސަރުކާރުގެ ވަޒީރުންގެ ތެރޭގައިވެސް ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި މިހާރުގެ މަޖިލިސް މެމްބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ޙައްޤުވާ ފަރާތްތައްވެސް އެބަތިއްބެވި ކަމަށާއި، ސަރުކާރުގެ މަޤާމެއްގައި ހުރި ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓުގައިވެސް އޭނާގެ ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުޢާމަލާތް ފެންނަން ހުންނާނެ ކަމަށެވެ.