English Edition
Dhivehi Edition
15 މޭ 2023: 05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން - ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސް ޖުޑީޝަލް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ޢައްޔަނުކޮށް، އެ ފަރާތްތަކަށް މަޤާމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ. މިއަދު އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި މަޤާމުތަކަށް ޢައްޔަނުކުރެވުނު ބޭފުޅުންނަށް މާޤާމުގެ ފަތްކޮޅު އަރުވާފައިވަނީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙިސާން ހުސައިނެވެ.

މިއަދު ޖޭއެސްސީން އިސްމެޖިސްޓްރޭޓުން ޢައްޔަނުކޮށްފައިވަނީ ށ. ޖުޑީޝަލް ދާއިރާއަށާއި، ނ. ޖުޑީޝަލް ދާއިރާއަށާއި، ބ. ޖުޑީޝަލް ދާއިރާއަށާއި، ވ. ޖުޑީޝަލް ދާއިރާއަށް އަދި މ. ޖުޑީޝަލް ދާއިރާއަށެވެ.

އެގޮތުން، ށ. ޖުޑީޝަލް ދާއިރާއަށް ޢައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ 2010 މޭ 30 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ށ. މިލަންދޫ، ކެތީހައުސް، އަލްއުސްތާޛު ޙަސަން ޝިޔާމްއެވެ. އަލްއުސްތާޛު ޙަސަން ޝިޔާމް ހުންނެވީ ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް 1996 ފެބްރުއަރީ 13 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ނ. ޅޮހީ، ސަންޝައިން، އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކު ޢައްޔަންކުރެވުނުއިރު، އަލްއުސްތާޛު އަޙްމަދު ޙަސަން ހުންނެވީ ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

މީގެ އިތުރުން، ބ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކޮމިޝަނުން ޢައްޔަންކުރުމަށް ނިންމާފައިވާ ބ. މާޅޮސް، ނަފާޕެލަސް، އަލްއުސްތާޛު ޢަބްދުއްރަޝީދު ޔޫސުފްއަކީ 1995 އިން 1998 އަށް ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު، ވަކިވެވަޑައިގަތުމަށްފަހު 2013 ޖަނަވަރީ 08 ވަނަ ދުވަހު އަލުން ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ. މި ބޭފުޅާ ހުންނެވީ ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

ވ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަނުކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި ބ.ކިހާދޫ، ގާރޑެނިޔާވިލާ، އަލްއުސްތާޛު ޢަލީ ނަޞީރެވެ. އޭނާއަކީ 1994 އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ.

އަދި، މ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ މ.ކޮޅުފުށި، ލިލީމާގެ، އަލްއުސްތާޛު އަޙްމަދު ނަޖީބު އަކީ މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްއެވެ. އަލްއުސްތާޛު އަޙްމަދު ނަޖީބު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ، 2003 މާރިޗު 23 ވަނަ ދުވަހުއެވެ.