English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ޤައުމީ މަންހަޖަށް ކިޔަވައިދޭ ޕްރައިވެޓް ސްކޫލެއް ކަމުގައިވާ ޙިރާ ސްކޫލުން ސާނަވީ މުދައްރިސުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. ޙިރާ ސްކޫލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސެކަންޑަރީ ލެވެލްގެ ކެމިސްޓްރީ، އެކައުންޓިންގ، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، ހިސާބު، ކޮމްޕިޔުޓަރ ސައެންސް، ދިވެހި އަދި އިނގިރޭސިބަސް، މި މާއްދާތަކުގެ ޓީޗަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.
ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުރި، ފަރުވާތެރިކަމާއެކު ކިޔަވައިދިނުމުގެ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވާނަމަ، އެފަރާތެއް މުދައްރިސެއްގެ ގޮތުގައި ޙިރާސްކޫލުން ބޭނުންވާކަމަށް އިޢުލާނުގައި ވެއެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، މީހުންނާ މުޢާމަލާތްކުރުމުގެ ހުނަރު (ކޮމިޔުނިކޭޝަން ސްކިލް) ރަނގަޅަށް ހުރި މީހެއް ކަމުގައިވެސް ވާންވާނެކަމަށެވެ.
މިކަމަށް އެދޭ ފަރާތްތަކުން ނޮވެމްބަރ މަހުގެ 15 ގެ ކުރިން، { https://forms.gle/JmotZhLEXE9r49wk6 } މި ފޯމު ފުރިހަމަކުރެއްވުމަށްފަހު، ތަޢުލީމީ ސެޓްފިކެޓްތަކާއި، ވަނަވަރު ފޮނުއްވުމަށް ސްކޫލުގެ އިޢުލާނުގައި ވެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ފަހި ކޮށްދިނުމުގެ ގޮތުން މިފަހަރު ސްކޫލުންވަނީ، ގޫގުލް ފޯމެއް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތި ލެވޭ ގޮތަށް ހަދާފައެވެ. އަދި ސެޓްފިކެޓްތަކާއި ވަނަވަރު އެފޯމު މެދުވެރިކޮށް، ނުވަތަ ސްކޫލްގެ އީމެއިލް އެޑްރެސް އަށް ފޮނުއްވުމުން ބަލައިގަންނާނެ ކަމަށްވެސް އިޢުލާނުގައި ބަޔާން ކުރައްވާފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ، ސްކޫލްގެ މުވައްޒަފުންގެ މުސާރައަކީ، ސިވިސްސާވިސް އޮނިގަނޑާއެއްގޮތަށް ކަނޑައެޅިފައިވާ މުސާރައެއް ކަމަށާއި، އަދި އޭގެ އިތުރަށް ވަޒީފާގެ ޤާނޫނުގެ ދަށުން ލިބެންޖެހޭ ހުރިހާ ޢިނާޔަތްތަކެއް މިވަޒީފާތައް އަދާ ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެކަމަށެވެ.
ހަމައެއާއެކު މުދައްރިސުން ސްކޫލްގައި ކުރައްވަންޖެހޭ މަސައްކަތުގެ ވަގުތަކީވެސް ހަމަ ސިވިލްސާވިސްގެ ޤަވާޢިދުތަކާއި، ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނަށް ފެތޭގޮތަށް ހަމަޖެހިފައިވާ ވަގުތުތަކެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޙިރާ ސްކޫލަކީ 2010 ވަނަ އަހަރު 52 ކުދިންގެ ޕްރީ ސްކޫލެއްގެ ގޮތުގައި ފަށައި، މިހާރު ގްރޭޑް 8 އާހަމައަށް ކިޔަވައިދޭ، އަދި އަންނަ އަހަރު، ގްރޭޑް 9 ފެށުމަށް ހަމަޖެހިފައިވާ ސްކޫލެކެވެ. ސްކޫލްގެ ޢިމާރާތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ވަރަށް ބޮޑު ރީތި ސްކޫލެއް އަޅައި، މިއަހަރުގެ ޖޫންމަހުން ފެށިގެން ސްކޫލްގައި ދަނީ ކިޔަވައި ދެމުންނެވެ.
ޙިރާ ސްކޫލަކީ، އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ، އަދި ރާއްޖޭގެ ޤައުމީ މަންހަޖު ރަނގަޅު ގޮތުގައި ތަންފީޒު ކުރަމުންދާ ސްކޫލެއް ކަމަށާއި، ސްކޫލުން އައު މަންހަޖަށް ޢަމަލު ކުރާގޮތް ބެއްލެވުމަށާއި، ސްކޫލްގެ ތަޖުރިބާ ޙާޞިލު ކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިރާ ސްކޫލަށް މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ އެކިއެކި ބޭފުޅުން ޒިޔާރަތް ކުރައްވަމުން ގެންދަވާކަމަށް މައުލޫމާތު މިނޫހަށް ލިބިފައިވެއެވެ.