English Edition
Dhivehi Edition

މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4420 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 4420 މީހަކަށް ޑެންގީ ޖެހިފައިވާއިރު، ފާއިތުވި ދެ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރަމުންދާ އަދަދު ގިނައެވެ. އަދި ސެޕްޓެމްބަރ މަހާ އަޅާބަަލާއިރު އޮކްޓޯބަރ މަހު ރިޕޯޓުކޮށްފައިވާ އަދަދު ވަނީ މަދުވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ށ. އަތޮޅާއި، ނ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި މާލެ އަދި ހުޅުމާލެއިންނެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން 1460 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ގިނަ ކަމުގައިވިޔަސް، ޖޫން މަހު އެ އަދަދު ވަނީ ދަށްވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ރ. އަތޮޅާއި ގއ. އަތޮޅުގެ އިތުރުން މާލެއިންނެވެ.